ads
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އަޑުއެހުން މަހުރޫމްވެފައިވާ ދެމަފިރިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުއްލި ހާލަތް އެނގޭނެ ވަސީލަތްތައް ފްލެޓްތަކުގައި ހަރުކުރަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުއްލި ހާލަތްތަކުގައި އަންގައިދޭންޖެހޭ އެންގުންތައް ފަސޭހައިން އެންގޭނެ ގޮތްތަކެއް ފްލެޓްތަކުގައި ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ސީދާ ރައީސްއާ ހިއްސާ ކުރުމަށް ކުރިއަށް ގެންދާ ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ދެމަފިިރިއަކު ހިއްސާކުރި ޝަކުވާތައް އެއްސެވުމަށްފަހު އެވެ.

އަޑުއިވުމުން މަހުރޫމްވެފައިވާ އެ ދެމަފިރިން ބުނި ގޮތުގައި، އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގި ނަމަވެސް އެކަން އެނގޭ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން އެދެމަފިރިން ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެކަން އެނގޭނެ ނިޒާމެއް ގާއިމްވެފައި ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.  

ތިން ކުދީން ވެސް ލިބިފައިވާ އެ ދެމަފިރީން ވަނީ އެ މީހުންގެ މުސްކުޅި ބައްޕަ، ފަރުވާއަށް ގެންދަން ޖެހޭ ޙާލަތުގައި އުޅެން ޖެހޭ ދަތި ޙާލުގެ ވާހަކަ އާއި ވަޒީފާގެ މާޙައުލުގައި ހުރި ދަތިތަކާއި ކުދީންގެ ބެލެނިވެރީންގެ ގޮތުގައި ސުކޫލަށް ދާއިރު ދިމާވާ ދަތިތައް ރައީސާއި ހިއްސާކުރައްވާފަ އެވެ.

"އަލިފާނުގެ ހާދިސާއެއް ނުވަތަ އެކަހަލަ ކަމެއް ދިމާވެއްޖިއްޔާމު ތިމަންނަމެންނަކަށް އަޑެއް ނީވޭ ކަމެއް ދިމާވާއިރުގައި އެކްސެބިލިޓީ ފްލެޓް ތެރޭގައި ނުހުންނާތީ. އާންމު ގޮތެއްގައި ފްލެޓްތެރޭގައި ލައިޓް ދިއްލޭނެ އެކަހަލަ އިވެކުއޭޝަން ހާދިސާއަކަށް އަންނައިރުގައި. އެކަމަކު އަޝްފާގުމެންނަށް އަޑުނީވޭތީ ފްލެޓްގައި އެކަހަލަ އެއްވެސް ކަހަލަ އެމަޖެންސީ ހާލަތެއްކަން އަންގައިދޭ ބޮކި ދިއްލުން ނޫނީ މިސާލަކަށް ނިވުން އަޑުނީވޭތީވެ، މިކަހަލަ އެއްވެސް ވިޒުއަލް އެކްސެބިލިޓީއެއް ނުހުންނާތީވޭ ވަރަށް ހާސްވޭ މިހާރު މިދިމާވާ ކަންތައްތަކާ ގުޅިގެން،" އެމްއޭސީއެލްގައި ވެލްޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ތިން ކުދިންގެ ބައްޕަ ބުންޏެވެ.

އަދި އެހެނިހެން ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައްވެސް ހިއްސާކުރެއްވި އެވެ. ފްލެޓް ދޭއިރު އެންމެ ތިރީގެ ފްލޯތައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކުރުމަށް ވެސް އެދުނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް އެންމެ ތިރީ ފަންގިފިލާތައް ހާއްސަކޮށްދިނުމަކީ މިހާރު ވެސް ބަލާ ކަންތައްތައް ކަމަށާއި އެކަމަކު އިތުރަށް އެ ކަންކަން ބަލައި އެފަދަ މީހުން މީހުން ދިރިއުޅެމުންދާ އިމާރާތްތަކުގައި ވެސް އެފަދަ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް