ads
މަހާއި މަހުގެ އުފެއްދުންތަކުންނާއި ކާބޯތަކެތީގެ ބާވަތްތަކުން އަގުތައް އުފުލި ސެޕްޓެމްބަރުގެ ނިޔަލަށް އިންފްލޭޝަން 2.65 އިންސައްތައަށް ވަނީ އުފުލިފައި - ފޮޓޯ:މިހާރު
ސެޕްޓެމްބަރުގެ ނިޔަލަށް އިންފްލޭޝަން 2.6 އިންސައްތަ އުފުލިއްޖެ
މަހާއި މަހުގެ އުފެއްދުންތަކުންނާއި ކާބޯތަކެތީގެ ބާވަތްތަކުން އަގުތައް އުފުލި ސެޕްޓެމްބަރުގެ ނިޔަލަށް އިންފްލޭޝަން 2.65 އިންސައްތައަށް އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްބީއެސްއިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން، އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ތަކެތީގެ އަގުތައް ވަނީ 0.45 އިންސައްތަ މަތިވެފަ އެވެ. އެ އަދަދަކީ އޮގަސްޓް މަހާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދަކަށްވާއިރު، ޖުލައި އަދި ޖޫން މަހަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މަހާއި މަހުގެ އުފެއްދުންތަކުންނާއި ކާބޯތަކެތީގެ ބާވަތްތަކުންނެވެ. މަހާއި މަހުގެ އުފެއްދުންތަކުން 2.41 އިންސައްތަ އުފުލިފައިވާއިރު ކާބޯތަކެތީގެ ބާވަތްތަކުން 1.92 އިންސައްތަ ވަނީ އިތުރުވެފަ އެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި އޮރެންޖާއި އާފަލާއި އިނގުރު އަދި ގިތެޔޮ މިރުސް ހިމެނެ އެވެ. މަހާއި ކާބޯތަކެތީގެ އަގުތަކުގެ އިތުރުން ރެސްޓޯރަންޓާ އަދި އެކޮމޮޑޭޝަންތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ. 

ސެޕްޓެމްބަރު މަހު އަގު އެންމެ ބޮޑަށް ވެއްޓިފައި މުވާސަލާތާއި މުވާސަލާތީ ހިދުމަތްތަކުންނާއި ފަރުނީޗަރާއި ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނުގެ އިތުރުން ދުންފަތުންނެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނީ އިންފްލޭޝަން 5.4 އިންސައްތައިގައި ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކާއި ސަރުކާރުގެ ފަރާތުން އަސާސީ ބާވަތްތައް ސަބްސިޑައިޒް ކުރަމުން ދިއުމުން އަގުތައް ހިފެހެއްޓިފައި ވާތީ، އިންފްލޭޝަން ރޭޓު 2.9 އިންސައްތައަށް ވަނީ މުރާޖައާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް