މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 61.3 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނެފައިވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ އޮކްޓޫބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. މީގެ ސަބަބަކީ ޖީއެސްޓީ، އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 16.9 އިންސައްތަ އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމުގަ އެވެ.
ނިމިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިހާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، މި ސުންގަޑި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުމުން ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ.
އޮކްޓޫބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
- ޖީއެސްޓީ: 1.32 ބިލިއަން ރުފިޔާ (65.74 އިންސައްތަ)
- އިންކަމް ޓެކްސް: 161.47 މިލިއަން ރުފިޔާ (8.02 އިންސައްތަ)
- ޓޫރިޒަމް ލޭންޑް ރެންޓް: 152.82 މިލިއަން ރުފިޔާ (7.59 އިންސައްތަ)
- ގްރީން ޓެކްސް: 92.56 މިލިއަން ރުފިޔާ (4.60 އިންސައްތަ)
- އެއާޕޯޓު ޑިވެލޮޕްމެންޓް ފީ: 77.19 މިލިއަން ރުފިޔާ (3.83 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީ: 205.72 މިލިއަން ރުފިޔާ (10.22 އިންސައްތަ)
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.