އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގެ، އިންތިހާބީ ދާއިރާތައް ކަނޑައަޅާފައި ވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު، އެކޮމިޝަނުން ވަނީ އެ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައެވެ. އެ ފުރުސަތުގައި 65 ޝަކުވާއާއި ހިޔާލު ހުށަހަޅާފައިވަަކަމަށް އީސީ އިން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް އިލެކްޝަން ކޮމިޝަނުން ދިރާސާކުރުމަށް ފަހު ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި، އެހެން ހުރިހާ މީހުން، ހުޅުމާލެ މެދު ދާއިރާ އާއި، ހުޅުމާލެ އުތުރު ދާއިރާ އަށް ބަދަލުކޮށް، ދަފްތަރު މީހުން ހިމެނުނު މާލޭ ދާއިރާތައް (މާފަންނު، މައްޗަންގޮޅި) ގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލުގެނައުން، ހިމެމޭކަމަށް ހަބީބު ވިދާޅުވި އެވެ.
އޭގެ އިތުރުން ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުމަށް އެކޮމިޝަނުން ނިންމާފައިވެއެވެ.
އަދި ހުވަދުއަތޮޅު އުތުރުބުރީގެ ތިން ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުން ހިމެނެއެވެ.
ބަދަލު ގެނައުމުން ހުވަދުއަތޮޅުގެ ދާއިރާތައް ހަމަޖެހިގެންދާނެގޮތް:
- ވިލިނގިލި ދާއިރާ: ވިލިނގިލި
- ދާންދޫ ދާއިރާ: ނިލަންދޫ، ދާންދޫ، ކޮނޑޭ،
- ގެމަނަފުށި ދާއިރާ: ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ،
- ކޮލަމާފުށި ދާއިރާ: ކޮލަމާފުށި، މާމެންދޫ
އިތުރުވާ ގޮނޑިތައް ފުރަތަމަ ކަނޑައެޅިގޮތް
• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ގާނޫނު ބުނާގޮތުން އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އާބާދީ އަށް ބެލުމަށް ފަހު އެވެ. އެހެންވެ، ކޮންމެ މަޖިލިސް އިންތިހާބެއްގައި ދާއިރާތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް އާބާދީ އަށް އައި ބަދަލާ އެކު ހަ ދާއިރާއެއް އިތުރުވެ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 93 މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.