ads
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ: މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ގައުމާ މުހާތަބު ކުރައްވާނެ - ފޮޓޯ:ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރައްވަނީ
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

މިއީ އަންނަ ހުކުރު ދުވަހަށް ރިޔާސީ ދައުރު ހަމަވާ ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވާ ފަހު ފަހަރަށް ވުން ކައިރި އެވެ.

ޖުމްހޫރީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެވެމުން އަންނަނީ 1968 ވަނަ އަހަރު ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ގުޅިގެންނެވެ. އެގޮތުން އުފެދުނު ދެވަނަ ޖުމްހޫރިއްޔާ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ރައީސްކަމުގެ ހުވާކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެފަހުން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، އެ ދުވަހަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ އާ ރައީސް ހުވާ ކުރައްވަމުން އައި ދުވަހެވެ.

އެހެންނަމަވެސް، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އެ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުވާ ކުރެއްވުނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހުވެސް ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މި އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް