ads
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވަނީ: ވިދާޅުވީ އަމިއްލަވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މި ދައުލަތުގެ މޫރިތިކަން ބޮޑު ކަމަށް - ފޮޓޯ:ރައީސް އޮފީސް
"އަމިއްލަވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މި ދައުލަތުގެ މޫރިތިކަން ބޮޑު"
އަމިއްލަވަންތަ، އިސްލާމީ، މިނިވަން، ޖުމްހޫރީ މި ދައުލަތުގެ މޫރިތިކަން ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރީ ނިޒާމަށް މި ފުރުނީ 55 އަހަރު ކަމަށެވެ. އަމިއްލަވަންތަ، އިސްލާމީ، މިނިވަން، ޖުމްހޫރީ މި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ބޮޑުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ ފާއިތުވި 55 އަހަރު އެންމެ ހިނދުކޮޅަކަށްވެސް އެކަން މި ރާއްޖޭން ފިލައިނުދާ ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން ފާހަގަކުރަމުން މި ދަނީ އެ އުފަލާއި ފަހުރު. އަދި އަންނަން އޮތް ކިތަންމެ 55 އަހަރާއި ދުނިޔެ އުމުރަށް މި ނަސީބުގައި ދިވެހިން ވާށި،" - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ހިދުމަތަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށާއި މާލޭގެ މަގުތައް އަމާންކަމާ އެކު ބޭއްވުނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިހާބު ކުރިއިރު އޭރު ގައުމު އޮތް ހާލަތު ވަރަށް ވެސް ތަފާތު ކަމަށެވެ. އޭރު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި މިގޮތުން ކުރެވުނު މަސައްކަތުން އޭރުގެ ބިރުވެރި ހާލަތު މިހާރު މިވަނީ ބަދަލުކުރެވިފައި ކަމުގަ އެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ހައްގުތައް އަދާ ކުރުމުގައި ހަމަހަމަކަމާ އެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އެމަނިކުފާނު އިސްކަން ދެއްވާފައިވާ ކަމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކޮށް، ހިދުމަތްތައް ހަމަހަމަ ކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމަށް އިސްކަން ދީފައިވާ ކަމަށެވެ. އަދި ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފައި، ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާ އާއި އެކަމާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިގުތިސޯދީ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ އެންމެހާ ކަންކަން ފުރިހަމަކޮށްދީ، ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި އެންމެ ފުރަތަމަ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނުކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލެވުނު އެއް ގައުމަކަށް ރާއްޖެ ވި ކަމަށާއި ފަތުރުވެރިކަމާއި އިގުތިސޯދު އިހުހުރި ހިސާބަށް ރުޖޫއަކުރުމުގައި ލިބުނު ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއް ކަމުގަ އެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދު ހަރުދަނާކުރެއްވުމަށް ކުރެއްވުނު ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ އިގުތިސޯދުގެ މައި އެއް ސިނާއަތު ކަމުގައިވާ މަސްވެރިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ ކަމަށެވެ. މި ދައުރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މި ދަނީ ހަމައެކަނި މި ފަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް