ރައީސް މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ގާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ބާރުތައް އެއްތާކަށް ޖަމާކޮށްގެން ގައުމު ކުރި ނާރާނެކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ހިންގުން ލާމަރުކަޒުކޮށް ގެންނެވި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ހޯދޭނެ މަގަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. އެގޮތުން މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފަސް ހޮސްޕިޓަލަކީ ސިއްހީ ދާއިރާއިން ހޯދުނު ވަށާ ޖެހޭ ހައްލެއް ކަމަށާއި ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫއުވެސް ސަރުކާރުން ފަށްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ވޭތުވެދިޔަ ފަސް އަހަރުކަން ފާހަގަކުރެއްވި އެވެ. އަދި ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ބަދަލުގެންނަވާފައިވާ ކަމާއި އެކި ކުޅިވަރުތައް ކުރިއެރުވުމަށް ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި އަދި ޓީމް ކުޅިވަރުތަކަށް އަމާޒުކޮށް ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަށްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިޖުތިމާއީ ހިދުމަތް ލާމަރުކަޒުކޮށް ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އިޖުތިމާއީ ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހާއްސަކޮށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި އަމާންވެށި ގާއިމުކޮށްފައިވާ ކަމުގަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީ އެފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާ އެކު ތަރައްގީ ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.