ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިހާބު ކުރިއިރު އޭރު ގައުމު އޮތް ހާލަތު ވަރަށް ވެސް ތަފާތު ކަމަށް ވިދާޅުވި އެވެ. އޭރު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ މިގޮތުން ކުރެވުނު މަސައްކަތުން އޭރުގެ ބިރުވެރި ހާލަތު މިހާރު މިވަނީ ބަދަލުކުރެވިފައި ކަމަށެވެ.
މަގުތަކުގެ އަމާންކަން މިއަދު އިހުސާސްވާ ކަމަށާއި ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ތެރޭގައި ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައި، އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށް ދެވިއްޖެ ކަމުގަ އެވެ.
ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މި ދަނީ ހަމައެކަނި މި ފަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ ވެރިކަމުގެ ހައްގުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާ އެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އެމަނިކުފާނު އިސްކަން ދެއްވާފައިވާ ކަމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކޮށް، ހިދުމަތްތައް ހަމަހަމަ ކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާން ޖެހޭ ހައްގުތައް އަދާކުރުމަށް އިސްކަން ދީފައިވާ ކަމަށެވެ. އަދި ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފައި، ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާ އެކު ތަރައްގީ ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.