ads
ޖުމްހޫރީ ރައީސުން: ދެވަނަ ޖުމްހޫރިއްޔަތަށް އަދު 55 އަހަރު ފުރި 56 ވަނަ އަހަރު ފެށުނީ އެވެ.
އާއިލީ ވާރުތަ ވެރިކަން ނިންމި، ޖުމްހޫރީ ވެރިކަމަށް 55 އަހަރު
ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ އާއިލީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެންދިޔަ ތާރީހުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ. ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ގައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއެކު އިންތިހާބު ކުރެވޭ ބޭފުޅަކަށްވުމެވެ.

ރާއްޖޭގައި ތާރީހު ފުރަތަމަ ލިޔަން އެއްކުރި މައުލޫމާތުން އިގެންއޮތީ ވެސް އިހު ރާއްޖޭގައި އޮންނަނީ ރަސްކަމެއް ކަމެވެ. މިރަސްކަމަކީ އާއިލާގެ މަތިން އަންނަ ވެރިކަމެކެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރަސްގެފާނުގެ ކިބައިންނެވެ. އަދި ވެރިކަން ވާރުތަވަމުން އަންނަނީ އާދަކާދައިން ރަސްގެފާނުގެ އާއިލާއަށެވެ. ރައްޔިތުންގެ ކުޑަ ބައިވެރިވުމެއް ވެސް ނެތި އެވެ. މީލާދީން 1153 ގައި ރާއްޖެ އިސްލާމްވުމަށްފަހު ތާރީހުން އެނގެން އޮތް ބައިން ފެންނަ ގޮތުން 80 އަށްވުރެ ގިނަ ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ތާރީހުގެ ތެރެއިން ޖުމްހޫރީ ވެރިކަމަށް ނަޒަރު ހިންގާ އިރު ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެދުނު ޖުމްހޫރިއްޔާ 7 މަހާއި 21 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ގެނެވުނު އިންގިލާބަކަށްފަހު ވެރިކަން ބަދަލުވެ ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައުން، އެއް ގޮތަކުން ދޭހަވަނީ، އޭރު ރާއްޖެއަށް ޖުމްހޫރީ ވެރިކަމުގެ ނިޒާމު ފައްކާނުވުމެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ރައްޔިތުން ބީރައްޓެހިކަމެވެ. ނަތީޖާއަކީ ފުރަތަމަ ޖުމްހޫރިއްޔާ އުވުމާއި ގުޅިގެން އަނެއްކާވެސް "ރަސްކަމެއް" އުފެދުމެވެ. އެހެންނަމަވެސް މިފަހަރު އިންތިހާބީ ރަސްކަމެކެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ރަސްގެފާނު ހުންނެވިނަމަވެސް ސަރުކާރު ހިންގެވުމުގެ ވެރިޔަކަށް ހުންނަވަނީ ވަޒީރުލް އައުޒަމް – ބޮޑު ވަޒީރެވެ. ތާރީހު ލިޔުންތެރިންގެ ފޮޅުވަތްތަކުން އެނގޭގޮތުގައި ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކާ ދިމާލަށް ކުރި ދަތުރުގެ ފެށުނީ މިހާ ހިސާބުންނެވެ.

ރާއްޖޭގެ ތާރީހުގައި ޖުމްހޫރީ ވެރިކަމެއް އެންމެ ފުރަތަމަ ފެށުނީ 1953 ވަނަ އަހަރުއެވެ. ތާރީހު ލިޔުއްވާ ބޭފުޅުންގެ ފޮޅުވަތްތަކުން އެނގޭގޮތުގައި 1943 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްތާން ހަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުހަންމަދު ފަރީދު ދީދީއާ ދެބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވި އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ހިޔާލްފެށުނު ދުވަސްވަރަކީ މީކަމަކުގައިވެސް ވެސް ބެލެވިދާނެ އެވެ. ސަބަބަކީ "ދެ ބޭފުޅުން އެއްފަހަރާ އިސްތިއުފާ" ދެއްވުމުން ވެރިކަމަށް ގާނޫނީ ހުސްކަމެއް އައިސް ސިޔާސީ ގޮތުން ރާއްޖޭގެ މަސްރަހު ހޫނުވުމެވެ.

މަސްރަހު ހޫނުވެފައިވަނިކޮށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ތަހުތަށް އިސްކުރުމަށް "ވަލީ ކޮމިޓީ" ން ނިންމައި އެމަނިކުފާނަށް އެކަން ހުށަހެޅުނެވެ. ނަމަވެސް އޭރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ ރާއްޖޭން ބޭރުގައި ކަމުން ގާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ. ރާއްޖޭގެ އެންމެ މަތީ ވަލީގައި ބޭފުޅަކު ނެތި ގިނަ ދުވަސްވާން ފެށުމުން އެކަމާމެދު ގޮތެއް ނިންމުމަށް މަޝްވަރާތައް ކުރެވުނެވެ. އެ މަޝްވަރާތަކުން ނުކުތް ނަތީޖާ އަކީ ރާއްޖޭގެ ވެރިކަމަށް މުހައްމަދު އަމީން ދީދީ އިސްކުރުމެވެ. އަމީން ދީދީ ވެރިކަމަށް ވަޑައިގަންނަވާނީ ރަސްކަލެއްގެ ގޮތުގައި ތޯ ނުވަތަ ރައީސެއްގެ ގޮތުގައި ތޯ ކަނޑައެޅުމަށް ކުރެވުނު ބަހުސް ފެއްޓެވުމުން، އެ މަނިކުފާނުގެ ޝަރުތަކަށްވީ މިކަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާށެވެ.

ނަތީޖާއަކީ ރާއްޖޭގެ ވެރިކަން ހިންގާނެ ސިޔާސީ ގާނޫނީ އުސޫލެއް ހަމަޖެއްސުމުގައި ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވޯޓެއް ނަގަން ފާސްކުރި އެވެ. އެ ވަގުތު މާލޭގައި ތިބި ރާއްޖޭގެ އެހެން ރަށްރަށުގެ އެންމެން ހިމެނޭހެން، ގޮތެއް ނިންމަން އޮތީ ވިރާސީ ރަސްކަމެއްތޯ، އިންތިހާބީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ އެވެ. ވެރިކަން ބާއްވާނެ "ސިފަ" ބަލަން ނެގި ރައްޔިތުންގެ އާންމު ވޯޓުގެ ތާރީހީ ނަތީޖާ ފަނޑިޔާރު މަނިކުފާނުގެ އަމުރުފުޅަށް އިބްރާހިމް ޝިހާބް އިއުލާނުކުރެއްވި އެވެ. 99 އިންސައްތަ ތާއީދާ އެކު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ނާދީ ތަމައްދުންގައި މާލޭ މީހުންނާއި އެކި އަތޮޅުތަކުގެ މީހުންނަށް ބެހެއްޓިފައި ހުރި ވޯޓުފޮށިތަކުގެ ނަތީޖާއިން ފާސްވި އެވެ.

މުހައްމަދު އަމީން ދީދީގެ މި ތާރީހީ ވެރިކަން ފެށުނީ ޖެނުއަރީ 1، 1953 ގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމުގެ ފެށުމެވެ. އެކަމަކު މި ވެރިކަމަށް އަހަރު ނުވަނީސް އެނިޒާމުވެސް އުވި، އަމީންގެ ވެރިކަން ވައްޓާލައި އަނެއްކާވެސް ރަސްކަމަކަށް މާޗް 7، 1954 ގައި ރާއްޖެ އަނބުރާ ރަސްކަމުގެ ނިޒާމަށް ބަދަލުވީ އެވެ. ރަސްކަމުގެ ނިޒާމަށް ފުރޮޅިގެންދިޔަ ދަތުރުގައި ރާއްޖޭގެ ރަސްކަމަށް އިސްކުރެއްވީ އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް އެވެ.

5111 ދުވަހަށް ދެމިގެންދިޔަ ރަސްކަމުގެ ނިޒާމު އަނެއްކާވެސް ދިވެހިން ބަދަލުކުރި އެވެ. މިހާރު މި ފާހަގަކުރާ ޖުމްހޫރީ ދުވަސް ގުނަން ފެށުނު ތާރީހަކީ މުހައްމަދު ފަރީދުގެ ރަސްކަމަށް ފަހު އެކުލަވާލި ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތެއް ކަމަށް ކަނޑައަޅައި އޭގެ ދަށުން ރައީސްކަމަށް އިންތިހާބުކުރި އިބްރާހިމް ނާސިރު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށި ދުވަހެވެ. އެއީ ނޮވެމްބަރު 11، 1968 އެވެ. އިބްރާހިމް ނާސިރު ވަނީ 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވައިފައެވެ. އެއީ 11 ނޮވެމްބަރު 1968 އިން ފެށިގެން 1978 އާ ހަމައަށެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ، ޖުމްލަ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫނު އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 11 ނޮވެމްބަރު 1978 ގައެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގެ 10950 ދުވަހަށް ފަހު، ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްއަކަށް އިންތިހާބުވެ ވަޑައިގެންނެވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދެވެ.

ނަމަވެސް ކަންދިމާ ކުރި ގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަނުވަނީސް ފެބުރުއަރީ 7، 2012 ގައި ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ. ދުވަހުން ބަލާ ނަމަ 1183 ދުވަހުއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައްޔިތުން "ކެކި ގަތުމުން" ނަޝީދުގެ ރިޔާސީ ދައުރުގެ ފަހު ދެ އަހަރު ފުރިހަމަ ކުރެއްވީ އެމަނިކުފާނުގެ ނާއިބު ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެއީ، ފެބުރުއަރީ 7، 2012 ގައި ގެ ތާރީހެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ނޮވެމްބަރު 17، 2013 އަށެވެ. އެ ތާރީހުން ފެށިގެން ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވީ ދެވަނަ ޖުމްހޫރިއްޔާގެ ފަސް ވަނަ ރައީސްގެ ހައިސިއްޔަތުން ރައީސްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ޔާމީންއަކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅެވެ.

ޔާމީން 2013 ގައި ރައީސްކަމުގެ ހުވާކުރެއްވީ ނޮވެމްބަރ 17 ގަ އެވެ. އެފަހަރު އެހެން ދިމާވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށައެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ވޯޓު ބާތިލްކުރުމުންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ ދައުރު ހަމަވުމުން ވެސް އިސްތިއުފާ ނުދެއްވައި، ސުޕްރީމް ކޯޓުގެ ލަފައާ އެކު، "6 ދުވަހު" ވެރިކަމުގައި ހުންނަވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރަށްފަހު ޖުމްހޫރިއްޔަތުގެ ހަތްވަނަ ރައީސް އަދި ދެވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސްގެ ގޮތުގައި 2018 ގެ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދިވެހިޖުމްހޫރިއްޔާގެ ރައީސްކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެ ވަޑައިގެންނެވީ 2018 ވަނަ އަހަރު ނޮވެމްބަރ 17 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ވެރިންކަން ނިމޭނީ މީގެ 5 ދުވަސް ފަހުން ނޮވެންބަރު 17 ގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު މިހާރުވަނީ އިންތިހާބު ވެވަޑައިގެންފައެވެ. އިންތިގާލީ މަރުހަލާ ނިމި، ރާއްޖޭގެ ޖުމްހޫރިވެރިކަމުގެ 8 ވަނަ ރައީސް އަދި ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގަ އެވެ.

ދިވެހި ޖުމްހޫރީ ނިޒާމަށް މިއަދަށް މި ފުރުނީ 55 އަހަރެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އަރިސްކުރަމެވެ. ދިވެހިންގެ ވެރިކަން ދިވެހިން އެންމެން އެކުވެ ބައިވެރިވެގެން ހަމަޖެހުމާއި އެކު ކުރެވޭނެގޮތެއްގައި ޖުމްހޫރީ ވެރިކަން ނަގުލުކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މިޖީލުގެ ޒިންމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް