ads
މަޖިލިހުގެ ނައިބު ރައީސް އީވާ: ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދު އެޖެންޑާކުރި ދެވަނަ ޖަލްސާވެސް ވަނީ ނިންމާލާފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ ގަރާރު: ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނިންމާލައިފި
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދިއުމަށް މިއަދު އެޖެންޑާކުރި ދެވަނަ ޖަލްސާވެސް ނިންމާލައިފި އެވެ.
Advertisement

މަޖިލިހުގެ ރައީސް، ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް އެމްޑީޕީން ހުށަހެޅި ގަރާރު ކުރިއަށް ގެންދިއުމަށް އެޖެންޑާކުރި ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ރައީސް ނަޝީދު މަޖިލިހުގެ ރިޔާސަތުން ދުރުކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދިއުމަށް މިއަދުގެ ދެވަނަ ޖަލްސާ އެޖެންޑާކުރީ ހެނދުނު 11:30 އަށެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރިޔާސަތުން ވަނީ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ބޭރުކޮށްލާފައި ކަމަށް ވުމުން އިތުރަށް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"މި ގަރާރަކީ މިއަދު ހެނދުނު ފެށުނު ޖަލްސާގައި މިއަދު ރިޔާސަތުން މި ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް އިއުލާނު ކުރައްވާ ބޭރު ކުރައްވާފައިވާ ޖަލްސާއެއް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މި ޖަލްސާއަކީ މިއަދު ދެން އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި،" - މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ގަރާރުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލެއްވިކަން އީވާ އިއުލާނުކުރެއްވިއިރު، މަޖިލިހުގެ ތަޅުމުގައި މެންބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ބޭރުކޮށްލާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ 9:00 ޖެހިއިރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ބަލައިގަތުމަށް ފަހުގަ އެވެ. ހަސަން އަފީފް ވިދާޅުވެފައި ވަނީ އެ ގަރާރު ހުށަހަޅާފައި ވަނީ މަޖިލިހުގެ ގަވާއިދާ އެއްގޮތަށް ނޫން ކަމުން މައްސަލަ ކުރިއަށް ގެންދިއުމަށް އަލުން ޖެހޭނީ ހުށަހަޅަން ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އޭނާ ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް