މަޖިލިހުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި އަފީފްގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.
އަސްލަމް ހުށަހެޅުއްވި މައްސަލައިގައި ބުނީ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ އަފީފް ޖަލްސާ ނިންމާލެއްވީ މަޖިލިހުގެ ގަވާއިދާ ހިލާފަށް، މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.
އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާ ވަނީ ދެވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާވެސް ޖަލްސާ ނިންމަވާލައްވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައިދިނުމަށް އެދި ހުށަހަޅާފަ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީގައި ބަައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ އީވާ އާއި އަފީފް މުޅި މަޖިލިހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށެވެ.
މަޖިލިހުގެ ގަވާއިދުގައި ވަނީ މިފަދަ މައްސަލައެއް ކޮމިޓީން ފާސްކުރުމަށް ފަހު، މަޖިލިހުގެ އިދާރާއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އެ މައްސަލަ އާ މެދު މަޖިލިސް ތަޅުމުގައި ބަހުސް ކުރުމާ މެދު ވޯޓަކަށް އަހައި ގޮތެއް ނިންމާނެ އެވެ. ބަހުސް ކުރަން ނުފެންނަ ހާލަތުގައި އެ މައްސަލަ ނިމުނު ކަމަށް ބަލާނެ އެވެ.
ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތުގައި ދަ ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކަށް ނުތިބެވޭނެ ގޮތަށް އެދުމަށްވެސް އެ ކޮމިޓީގެ ޖަލްސާގައި ވަނީ ނިންމާފަ އެވެ.