ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތް ބައްލަވާލެއްވުމަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫއުއިން މަދުވެގެން އަށް މަސް ދުވަސް އަވަސް ކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ދެ ފަހަރު "ޕާސަނަލީ" ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި އަބޫ ދާބީ ފަންޑުން 80 މިލިއަން ޑޮލަރު މިހާރު އޮތީ ހަމަޖެހިފައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި މަޝްރޫއަށް އިތުރަށް ފައިސާ ބޭނުންވާ ނަމަ އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމަށް ނިންމަވާފައިވާ ގޮތުން އެކަމަށް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގަ އެވެ. މަޝްރޫއު ނިންމުމަށް ފައިސާ ހަމަޖެއްސުމާ މެދު އެމަނިކުފާނުގެ އެއްވެސް ކަންބޮޑުވެވަޑައިގަތުމެއް ނެތް ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއާޕޯޓު ޓާމިނަލް ޕްރޮޖެކްޓު ބިން ލާދިން ގްރޫޕާ 2016 ވަނަ އަހަރު ހަވާލުކޮށްގެން ފެށީ ހަތަރު އަހަރުން ނިންމާ ގޮތަށް 300 މިލިއަން ޑޮލަރަށެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭ ގޮތް ނުވުމުން އަގު ބޮޑުވެ، ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކުވޭތު ފަންޑުން 48.8 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ.
ޓާމިނަލުގެ މަސައްކަތްތައް ނިންމުމަށް މިދިޔަ މަހު ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއަށް މިހާތަނަށް އެ ފަންޑުން 99.8 މިލިއަން ޑޮލަރާއި ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރާއި އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ އިތުރުން އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ނަގާފަ އެވެ.