ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި އެ މަޖިލީހުގެ ބައެއް މެންބަރުން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މަޖިލީހަށް ހޮވަންވީ ކޮން ޝަރުތެއް ހުރި މީހެއް؟
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުން ހޮވާ މަމްދޫބުން ތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހެވެ.

ގާނޫނު އަސާސީން ހާއްސަ އިމްތިޔާޒީ ހައްގު ތަކަކާއި ބާރުތަކެއް ދީފައިވާ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތު ތަކަކީ ގާނޫނުތައް ހަދައި އިސްލާހު ކުރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މަޖިލިސް ތެރެއިން ކުރުމުވެ.

ޝައްކެއްވެސް ނެތް ގޮތުގައި މަޖިލިސް މެންބަރުންގެ ފަރާތުން ދާއިރާ ތަކުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެ ރައްޔިތުންގެ އަޑު އިއްވައި އެ ދާއިރާ ތަކުގެ "ގާނޫނީ ތަރައްގީ" އަށް މަސައްކަތް ކޮށްދިނުމެވެ. އެހެންކަމުން އެކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރަން މަޖިލީހަށް ހޮވަންވީ ކޮން ޝަރުތު ތަކެއް ހުރި މީހެއްތޯ ސުވާލު އުފައްދަން އެބަ ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު އެއް ޝަރުތަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމެވެ. މި ސިފަ ނެތް މީހަކު ހޮވިއްޖެ ނަމަ ރިޝްވަތާއި އަމިއްލަ އެދުމުގެ އަވާގައިޖެހި، އޭނާ މެންބަރު ކަމަށް އިންތިހާބު ކުރި ބޭނުން ހަންދާން ނެތިދެ އެވެ. އެހެންކަމުން އިހުލާސްތެރި ކަމާއިއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ މީހަކު ހޮވުމަށް އިސްކަންދޭން އެބަ ޖެހެއެވެ.

މަޖިލިސް މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ އަނެއް ޝަރުތަކީ، އެމީހަކީ "އިލްމީ" ގޮތުން ރޯފިލައިފައި ހުރި މީހަކު ކަމުގައި ވުމެވެ. ކޮންމެވެސް ވަރެއްގެ އިލްމެއް ހުރުމަށް މިއަދުގެ ތަހްޒީބު ވިސްނުމުގެ އިސްވާރުން އެމަގަށް ބާރުއަޅަ އެވެ. އެގޮތުން ތައުލީމީ ގޮތުން "މޮޅު" މީހަކު މެންބަރުކަމަށް ހޮވައިދީފި ނަމަ، އެމީހާގެ އިލްމުގެ ބޭނުންކޮށް މަޖިލީހުގައި އެދެވޭ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ބޮޑު ވާނެއެވެ. އެމީހެއްގެ ދާއިރާއިން ދިރާސާކޮށް ބަހުސް ކުރަންފަށައިފިނަމަ މަޖިލީހުގެ ތަޅުމުން މިއަދު މިއިވޭ ބައެއް އަޑުތައް މަދުކުރެވޭނެ އެވެ. އަދި ދާއިރާގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްގޮތަށް ރޭވުންތެރިކަމާއި އެކު ކަންކަން ކޮށްދިނުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ވެސް ފަސޭހަތަކެއް ވާނެއެވެ. މަޖިލިސް މެންބަރަކަށް އިލްމީ މީހަކު ހޮވުމަށް އިސްކަން ދޭންވީ މި ސަބަބުތަކަށް ޓަކައި ކަމަށް އިއުތިރާފްވާ މީހުން މިއަދު ގިނަ އެވެ.

ރިވެތި އަހުލާގަކީ ވެސް މެންބަރު ކަމަށް ކުރިމަތިލާ މީހެއް ގައިގައި ހުންނަން ޖެހޭ މުހިއްމު އެހެން ޝަރުތެކެވެ. އެގޮތުން މަޖިލީހުގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތާނެ އަދި ގޯސް އަމަލު ތަކުން އެއްކިބާ ވެފައިވާ މީހެއް ކަމުގައި އެމީހާ ވާން ޖެހެއެވެ. އަދި ހަޑި ހުތުރުބަހުން މުއާމަލާތް ކޮށް ޒުވާބު ކުރުމަކީ ވެސް "އިއްޒަތްތެރި މެންބަރުން"ގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް އަދުގެ ތައުލީމީ ޖީލު އެއްބަސްވެ އެވެ.

މީގެއިތުރުން ދާއިރާގެ މެންބަރަކަށް ހޮވާ މީހަކީ ހަވާލުކުރެވޭ މަސައްކަތުގައި މުޅި ރާއްޖޭގެ މަސްލަހަތަށް އިންކަންދީ،  ގައުމިއްޔަތަށް ފަރުވާތެރި ވަގުތައް ކަމޭހިތާ "ވެލިއުސް" ހިފަހައްޓާ މީހަކުތޯ ވެސް ރައްޔިތުން ބަލަންޖެހެ އެވެ. އެއީ މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ހާޒިރުވެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދޭނެ މެންބަރަކު ހުރުމުގެ މުހިއްމު ކަމަށްޓަކައެވެ. އެހެންކަމުން މެންބަރުން ހޮވުމަށް ވޯޓު ލާއިރު، މަގާމުގެ މަސްއޫލިއްޔަތުތަށް ފުރިހަމަޔަށް އަދާ ކުރާނެ "ކޮލިޓީ" މީހަކު އިހްތިޔާރު ކުރުން ވަރަށް ވެސް މުހިއްމުވެފައި ބޭނުންތެރި އެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގައި ރައްޔިތުންގެ އަމަލު ކުރަމުން އަންނަނީ ކިހިނެއްތޯ ވެސް ތެދުވެރި ހިތަކުން ވިސްނާލަން އެބަ ޖެހެ އެވެ.

ވޯޓު ދީ މެންބަރަކު ހޮވުމުގައި މި ލިޔުމުގައި އަޅުނގަޑަށް ފާހަގަ މި ކޮށްލެވުނު މަދު ކަންކަމަށް ގިނަ ރައްޔިތުން ސަމާލުކަން ދޭބާވައެވެ. މިއީ ވެސް ސުވާލެކެވެ. ގިނަ މިހުން ވޯޓު ދެނީ ތިމާ ނިސްބަތްވާ ނުވަތަ ތާއީދު ކުރާ ޕާޓީގެ ކެންޑިޑޭޓަށެވެ. ނުވަތަ އާއިލީ މަސްލަހަތަށެވެ. ނުވަތަ އެކުވެރިކަން ބަލިކަށި ނުވުމަށެވެ. ރަށުމީހާ އަށެވެ. ފައިސާވެރިޔާ އަށެވެ. މި ދެންނެވި ބައެއް ހާލަތްތަކަށް ބަލާ، ވޯޓުދޭ ކެންޑިޑޭޓަކީ މެންބަރުކަމަށް އެކަށީގެންވާ މީހެއްތޯ ބަލާކަށް ގިނަ ފަހަރު ބޭނުމެއް ނުވެއެވެ. ނުވަތަ އެމީހާގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެންނާން ހުރިކަމުގައި ވިޔަސް، އެކަމަށް މާބޮޑު ފަރުވާލެއް ނުހުރެއެވެ. ނަމަވެސް މެންބަރުން އިންތިހާބު ވުމަށްފަހު އެދެވޭ ގޮތެއްގައި ކަންތައްތައް ކުރިއަށް ދާތަން ނުފެނުމުން އެކަމުގެ ޝަކުވާއާއި ނުރުހުން ބަންޑުން ކޮށްލަން މަޖުބޫރު ވެސް އެބަވެ އެވެ.

 ދާއިރާ ތަމްސީލު ކުރުމަށް މެންބަރަކު ހޮވަންވީ "ވޯޓުގެ ހައްގުގެ" ބޭނުން ހެޔޮގޮތުގައި ހިފުމުގެ އަޒުމުގައި އެވެ. އަދި ދެންމެ އަލިއަޅުވާލެވުނު ކަންކަމަށް ބެލުމަށް ފަހުގައެވެ. އެހެންނޫންނަމަ ދާއިރާގެ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުން މާޔޫސް ވާފަދަ ގޮތަކަށް އާހިރުގައި ކަންތައްވުން ވަރަށް ގާތެވެ. ކުރިޔަށް އޮތް މަޖިލިސް އިންތިހާބާއި މެދު ވިސްނައި، ތިމާގެ ވޯޓަކީ ދާއިރާގެ ކުރިއެރުމަށް ދެވޭ ވޯޓަކަށް ހެދުމަށް ކޮންމެ ރައްޔިތަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. ނޫންނަމަ ތެދުވެރިން މަދުވެ ދޮގުވެރިން ގިނަވެދާނެ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް