ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ހަވީރު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

Advertisement
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުން ނޫހަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށާއި ނޫހުގައި ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
"އާންމު އުސޫލުން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް ފޮނުވަން ޖެހޭނެ. އަދި 14 ދުވަހުގެ ނޯޓިސް ހަމަވީމަ އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވާނީ،" - ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު
މަޖިލިހާ ގުޅޭ ކަންކަމުގައި މަޖިލީހުގެ އިދާރާގެ ބަސް ހޯދުމަށް އެދިވަޑައިގެން ޒިޔާއު ވަނީ މި ދަނޑިވަޅުގައި މިފަދަ ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ.