މި އަހަރަށް މަޖިލިހުން ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު، ބަޖެޓަށް އިތުރު ކުރުމަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ މި ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފައި ވަނީ ބަޖެޓު ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައި ވަނީ ޖުމުލަ ރިކަރަންޓު ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރިކަރަންޓް ހަރަދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވާއިރު، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފަ އެވެ. އިތުރުކުރި މި 1.2 ބިލިއަން ރުފިޔާ އާއެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ކެޕިޓަލް ހަރަދު އިތުރުކޮށްފައި ވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމާ ގުޅިގެންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއަށް 344 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި 34 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް 290 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ޕޮލްކޯ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މި އަހަރުގެ ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާ އާއެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުން އަންނައިރު، މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ.