ރައީސް އޮފީހުން ބުނީ ހުކުރު ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ކަމަށް ޓަކައި މިނިސްޓަރު މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރު މެހްމަތް ނުރީ އާސޯއި ވަނީ ރައީސްއަށް ތަހުނިޔާ ވިދާޅުވެލައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނެފައި ވަނީ ތުރުކީވިލާތާއި ދިވެހިރާއްޖެ އާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމާ އެކު، ދެ ގައުމުގެ މެދުގައި ޓޫރިޒަމާއި ތައުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރު މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒަށް އެމަނިކުފާނު ދައުވަތު އެރުވި ކަމުގަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ގައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.