
ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް- އަލްއުސްތާޛު ޢައްބާސް ޝަރީފް އައްޔަން ކުރައްވާފައިވަނީ ހުވައި ކުރެއްވުމަަށް ފަހު ރޭގެ ވަގުތެއްގައެވެ.
އަލްއުސްތާޛު ޢައްބާސް ޝަރީފަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން 2000 ވަނަ އަހަރު ބެޗްލަރ އޮފް ލޯސް ޙާސިލުކުރައްވައިގެން ހުންނެވި ބެފުޅެކެވެ.
ހައިކޯޓްގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހި ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުޢީ ކޯޓްތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން، އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރ، ލީގަލް އޮފިސަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސްކަމާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ހިމެނެއެވެ.
އަލްއުސްތާޛު ޢައްބާސް ޝަރީފު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.