ads
ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓާ ގޮތަށް ރައީސް ވަނީ ހަމަޖައްސަވާފައި - ފޮޓޯ:ރައީސް އޮފީސް
ވަޒީރުންގެ ގެ އާއި ކާރުގައި ވެސް ދިވެހި ދިދަ ވިހުރިވިހުރި ހުންނަން ޖެހޭ: ސަރުކާރު
މިދިޔަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ވަޒީރުންގެ ގެ އާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ގައުމީ ދިދަ ނަގާފައި ބަހައްޓަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން ރައީސް މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އިޝާރާތް ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަހުރުވެރި ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާނެވެ.

ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ދިދައަކީ ދިވެހިވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ނިޝާން ކަމަށްވާތީ ވަޒީރުންގެ ގެ އާއި އެ ބޭފުޅުންގެ ކާރުގައި ވެސް ދިވެހި ދިދަ ވިހުރިވިހުރި ހުންނަން ޖެހޭ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނޭ،" އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅުގައި ގައުމީ ދިދައަކީ ގައުމެއްގެ ގޮތުގައި ދިވެހި ރައްޔިތުން ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާންކަމަށެވެ. އެ ނިންމެވުން އެ މަނިކުފާނު ނިންމެވީ އެހެންވެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މި ހުރިހާ ނިންމުންތަކެއްގެ މަގްސަދަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ގައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަހުސިއްހަތު ކުރިއަށް ނެރެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުން."

މީގެ އިތުރުން ދިވެހި ދިދަ މުޖުތަމައު ތެރޭގައި ބޭނުންކުރާ މިންވަރު އިތުރުކޮށް، ދިދައަށް އޮންނަ ޝަރަފު ދެމެެހެއްޓުމަކީ ވެސް އެ ނިންމެވުމުގެ ބޭނުމެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ވަޒީރުންގެ ގެކޮޅުތަކުގައި ދިވެހި ދިދަ ނަގަ އެެވެ. ދައުލަތުގެ އޮފީސްތަކުގައި ދިވެހި ދިދަ މީގެ ކުރިން ނަގަމުން އައީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް