އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު މާޒިޔާ މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ޓޮމާކީ ވާޑާ އެވެ. އޭގެ ފަހުން 33 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ބަލަބަނޮވިޗް އެވެ. މެޗުގައި އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ.
މީގެ އިތުރުން މާޒިޔާގެ ލަނޑުތައް ޖެހީ ޙަސަން ރާއިފް އަޙުމަދު، ނާއިޒް ޙަސަން އަދި ޙަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މެޗުގައި ހަމްޕުވެސް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗުގައި ޔޫވީގެ އިބްރާހީމް ފައިރޫޝް އަތުން ބައި ކޮޅަށް ވެސް ވަނީ ލަނޑެއް ވަދެފަ އެވެ.
މާޒިޔާއިން ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 25 ޕޮއިންޓާއެކު މާޒިޔާ އޮތީ ދެ ވަނައިގަ އެވެ. މާޒިޔާ އަށް ވުރެ މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި އީގަލްސް އަށް ލިބެނީ 29 ޕޮއިންޓެވެ.