މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގައި މަސްވެރިކަމުގައި އަމަލީގޮތުން ބައިވެރިވާ، އާމްދަނީ ހޯދުމަށް މަސްވެރިކަން ފިޔަވައި އިތުރު ކަމެއް ނުކުރާ އެންމެ ހިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅަކާއި އަދި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެ ފަރާތަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން އިއުލާނާ އެކު ހިމަނާފައިވާ ފޯމް ފުރުމަށްފަހު، މި މަހުގެ 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާއަށް ހުށައެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ.
އެ ވުޒާރާއިން ބުނެފައި ވަނީ ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮތްކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ.