ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ހަރަދު ކުޑަކުރަން ސިޔާސަތު ތަންފީޒު ކުރަން ފަށާނީ އަންނަ ޖުލައިން ފެށިގެން
އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަރަދު ކުޑަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގައި ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު ޝަފީގު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ 49.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހަރަދަށް 47.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހަރަދު ކުޑަކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ހަރަދު ކުޑަކުރަން ތިން ސިޔާސަތެއް ހުށަހަޅުއްވާފަ އެވެ. އެއީ:

  • އާސަންދައިގެ ނިޒާމް މުރާޖައާކުރުން
  • ސަރުކާރުގެ ވެލްފެއާގެ ގޮތުގައި އެހީ ދޭ ނިޒާމް ހަރުދަނާކުރުން
  • އިންޑައިރެކްޓް ސަބްސިޑީތައް އެންމެ ބޭނުން ޖެހޭ މީހުންނަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުން

މި ސިޔާސަތުތައް އެކުލަވާލާފައި ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"މިހާރު މަސައްކަތް ކުރަމުން މި ދަނީ ބަޖެޓުގެ ފައިނޭންސިން ޕްލޭނާ މަޝްރޫއުތަކާ ގުޅުވާލުމުގެ މަސައްކަތް. 2024 ބަޖެޓުގެ ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 12 އިންސައްތައިގެ ޑެފިސިޓެއް," - ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު

މިނިސްޓަރު ވިދާޅުވެފައި ވަނީ އެންމެ އެދެވޭ މިންވަރަށް ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭނީ މި ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތަންފީޒުކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް ހުރި އަހަރުތަކުގައި އެންމެ އިސްކަން ދޭން ޖެހެނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުން ކަމުގަ އެވެ. އެގޮތުން ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަން ޖެހޭ ކަމަށާއި ސިޔާސަތުތަކަށް ބަދަލު ގެނެސް އެކަން ތަންފީޒުކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިޔާސަތުތަކަށް ބަދަލު ގެނައުމަކާ ނުލައި ހަމައެކަނި ބަޖެޓު ކޮންޓްރޯލް ކުރުމުން އެންމެ ބޭނުންވާ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް