ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގައި، ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް، ދުނިޔޭގެ މީޑިއާތަކުން ރިޕޯޓް ކުރަން ފެށުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، "ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމުން" އެ ކަމަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ.
އަދި ވިދާޅުވީ ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާ ކަމަށެވެ.
ގަތަރު މެދުވެރިއަކަށްވެ އޮވެ ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައިސް، އެކަން އިއުލާނުކުމަކީ ގަތަރުން އިސްވެ އޮޮވެ ފެށި މަޝްވަރާތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ޔަހޫދީ އިސްޒރޭލު ސިފައިންގެ ހަމަލާތައް ހުއްޓާލުމަށާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ގަތަރުން އިސްވެ އޮވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިސްރާއި އެމެރިކާގެ އިތުރުން ޔަހޫދީ އިސްޒްރޭލާއި ހަމާސް އިން ބައިވެރިވި އެވެ.
އަލްޖަޒީރާ އިން ބުނާގޮތުން، އިސްރާއީލުން އެއްބަސްވަނީ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި 50 އަސީރުން މިނިވަން ކުރުމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ މާނައަކީ ހަނގުރާމަ ހުއްޓައިލުން ނޫން ކަމަށާއި، ހަނގުރާމަ މެދުކަނޑައިލީ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
- އިތުރަށް ކިޔާލަން: ވަގުތީ ގޮތުން ގާޒާގެ ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސްވެއްޖެ
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި 14،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ، ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދޭ މި ހަމަލާތަކުގައި މަރުވާ މީހުންގެ 98 އިންސައްތަ އަކީ އާންމުންނެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 30،500 އިން މަތީގަ އެވެ.