ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން މިއަދު މިނިސްޓަރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެފްކޮންސްގެ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުން ގެންގުޅޭނަމަ ދެ ކަމެއް މި ސަރުކާރަށް ފާހަގަވާކަމަށެވެ.
އެއީ އެފްކޮންސްގެ މަސައްކަތް ލަސްވުމާއި، އެ މަޝްރޫއަށް ގުޅީފަޅުން މަގު ހަދަން ބޭނުންވާ ބިން ހިއްކައި އެފްކޮންސްއާ ހަވާލުކުރުމުގައި ސަރުކާރަށް ލަސްވަމުން ދިއުންކަމަށެވެ.
އެހެންކަމުން ސަރުކާރުގެ މައްސަލައެއް ވެސް މަސައްކަތް ލަސްވި ސަބަބެއްގެ ގޮތުގައި އެފްކޮންސްއަށް ފާހަގަކުރުމުގެ ފުރުސަތު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއްބަސްވުން ބާތިލް ކުރުމަކީ "ކޮންޓްރެކްޗުއަލީ" ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން މަސައްކަތް އަވަސްކުރެވިދާނެ ދިމާތައް ބަލައި މަސައްކަތް އަވަސް ކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައި އޮތް މިންވަރަށް ބަލައި އެ މަސައްކަތުގެ ޑިޒައިނަށް ބަދަލެއް ނުގެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އޭގެ ސަބަބުން މަސައްކަތް އިތުރަށް ލަސްވެ، އެ ކަމަށް ބޮޑު ހޭދައެއްކުރަން ޖެހޭނެތީކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށެވެ. މަސައްކަތް ކުރިއަށް ދާއިރު ދިމާވެދާނެ ގޮންޖެހުންތައް ލަފާކުރެވިފައި ނެތުމާއި އެފަދަ ތައްޔާރީތައް އޭރު ވެފައި ނެތުމަކީ މަސައްކަތަށް ދިމާވި ގޮންޖެހުމެއްކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށީ ވަރަށް ފަސޭހަ ކޮށްލައިގެން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފްކޮންސްއަކީ ބޮޑެތި މަޝްރޫއުތަށް ހިންގާ ބޮޑު ކުންފުންޏަކަށް ވީ ނަމަވެސް މިފަދަ މަސައްކަތްތަކަށް އާ ކުންފުންޏެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކުރީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަން ސޯލިހު ސަރުކާރުން ހަވާލުކުރީ އަވައްޓެރި އިންޑިއާގެ އެފްކޮންސް ކުންފުންނާއި އެވެ.
އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުގަދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް ނުވަތަ މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.