ads
ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމައިފި އެވެ.

މިރޭ 'ޗެނަލް 13' މެދުވެރިކޮށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވަނީ އެމަނިކުފާނު ޕީޕީއެމް ދޫކޮށްލެވިކަން ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް ޔާމީން ވަނީ ސަޕޯޓަރުން މާޔޫސް ނުވުމަށް ވިދާޅުވެފަ އެވެ.

މިވަގުތު ޕީޕީއެމްގެ ގްރާސްރޫޓުގައި ތިއްބެވި އެމަނިކުފާނުގެ އުސޫލުތައް ގަބޫލްކުރާ ސަޕޯޓަރުން ކެތްތެރިކަމާއެކު ތިއްބެވުމަށާއި، ސިޔާސީ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ވަރަށް އަވަހަށް އެމަނިކުފާނުގެ ފިކުރާއެކު އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެކަމަށް ރައީސް ޔަމީންގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.

މިރޭ 'ޗެނަލް 13'ގައި ވާހަކަދައްކަވަމުން ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވަރަށް ބޮޑަށް ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ޖަމީލް ވަނީ ރިޔާސީ އިންތިހާބަށް ފަހު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް ޔާމީނަށް ކުޑައިމީސްވާގޮތައް ވާހަކަދައްކަވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ވެރިކަމަށް އައީ ރައީސް ޔާމީންގެ ހުސް ގޮޑި އާއި އެމަނިކުފާނުގެ ފޮޓޯކޮޅު ދައްކަވައިގެން ކަމަށާއި ނަމަވެސް އިންތިހާބަށް ފަހު އެމަނިކުފާނުގެ ފޯންކޯލެއްވެސް ލީޑާޝިޕްގެ ބޭފުން ނުނަންގަވާކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މަޝްވަރާއެއް މިހާރު އެ ދެ ޕާޓީގެ ލީޑަރުން ބޭނުން ނުވާކަމަށެވެ. 

ޕީޕީއެމް މިވަގުތު އޮތީ ބަޔަކު ހައިޖެކްކޮށްފަ ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.

55%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް