ads
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ކޮންގްރެސްގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
"ދޮގު" ވިއްކައިގެން ކެމްޕެއިން ކުރިކަމަށް ބުނެ ޕަބްލިކް އިންކުއަރީއެއް ހަދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް "ދޮގު" ވިއްކައިގެން ކަމަށް ބުނެ ޕަބްލިކް އިންކުއަރީއެއް ހަދަން ރޭ އއ. އުކުޅަހުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީން ފާސްކުރި ގަރާރުގައި ބުނީ، އިދިކޮޅު ފަރާތްތަކުން ނުވަތަ މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ނިމުނު ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ދެއްކި ވާހަކަތަކާ ގުޅޭ އިންކުއަރީ މަޖިލީހަށް ހުށަހަޅައިގެން ބެލުމަށެވެ.

އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އެވެ. އެ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި އަދި ޑިމޮކްރަސީ ރާއްޖެ ގެނައުމުގެ "އާރުކާޓީ" ކަމަށެވެ. އެޕާޓީގެ އަބަދުވެސް އުއްމީދަކީ އަދި އަމާޒަކީ އެމަގުން ކަންކަން ކުރިޔަށް ގެންދިއުން ކަމަށް އެ ގަރާރުގައިވެ އެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިޕާޓީ އާއި މިޕާޓީގެ ވެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގު ފަތުރަމުން ދިއުން، އެއީ ފެންނާން އޮތް ހަގީގަތަކަށްވީ ހިނދު. ދިވެހިރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ތިބެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ރާވަމުން ދިޔަ ކަމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި ދައުލަތް ޝާމިލުވެގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތައް ރައްޔިތުން މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން ބަލާ އާއްމު ތަހުގީގެއް ހިންގުމަށް މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގައި އެދުމަށާއި...." އެ ޕާޓީގެ އިސްބޭފުޅުންނާއި ދާއިރާތަކުގެ ރައީސުންނާއެކު، 81 މެމްބަރުން ބައިވެރި ޖަލްސާއަށް ހުށައެޅި ގަރާރުގައިވެ އެވެ.

އެމްޑީޕީގެ މެންބަރުން އިތުރުކުރަން މަސައްކަތް ކުރުމާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮތުމަށް ވެސް ރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި ވަނީ ނިންމައިފަ އެވެ.

ރޭގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ވަގުތީ ރައީސަކަށް މިދިޔަ ހުކުރު ދުވަހު ރިޔާސީ ދައުރު ފުރިހަމަކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރަން ވެސް ފާސްކޮށްފަ އެވެ. އެ ގޮތަށް ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.

your imageއުކުޅަހުގައި ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި ޑެޕިއުޓީ ޗެއާ އަހުމަދު އަބްދުﷲ (ކ) މިއަދު ބަލަހައްޓަވަނީ.-- ފޮޓޯ: އެމްޑީޕީ

ނިމުނު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އާ ރައީސްގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވީ 126،842 ވޯޓާ އެކު އެވެ. އެއީ 53 ޕަސެންޓެވެ. ރިޔާސީ ދެ ވަނަ ދައުރެއް ލިބިވަޑައިނުގެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 46 ޕަސެންޓެވެ. އެއީ 108،500 ވޯޓެވެ.

މި އަހަރު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،474 ވޯޓުގެ ފަރަގެވެ.

މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރައްވާ ފައްޔާޒު އެއިރު ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ޒިންމާދާރުކަމާ އެކު ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރަން ވެސް ދެމިތިބޭނެ ކަމަށް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.



40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް