ނައިބު ރައީސް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ޑރ. މުއިއްޒުގެ މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނޭހެން، އެތައް ރައްޔިތުންނެއްގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. މިއީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ތިއްބެވީ އެމަނިކުފާނާ އެކު ކަން ވަނީ ހާމަކުރަން ފަށާފަ އެވެ. ރައީސް ޑރ. މުއިއްޒާ އެކު ތިބިކަން ހާމަކުރައްވާ ސަރުކާރުގެ ދިފާއުގައި ވަޒީރުން ތިއްބެވި ގޮތް ހާމަކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފައްދަވަން ނިންމަވާ އަދި އެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި އެންމެ އިސްކޮށް މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ މި މައްސަލާގައި ދެކޭ ގޮތް ހާމަކުރައްވާފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫނެވެ. މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަމުން އަންނަ ގައްސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ ވަނީ ޕީޕީއެމް އޮތީ ރައީސް ޑރ. މުއިއްޒު އާ އެކުގައި ކަމަށެވެ.
"ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާ އަތް ގުޅައިގެން މިތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާ އެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒު އާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން،" - ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ގައްސާނަށްފަހު އިސްލާމިކް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ފިޝަރީޒް މިނިސްޓަރުވެސް ވަނީ އެބޭފުޅުން ތިއްބެވި ގޮތް ހާމަކުރެއްވުމުގެ އެކްސްގައި ޕޯސްޓުތައް ހިއްސާކުރައްވާފަ އެވެ.