އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސައުދު "ސީއެންއެމް" އަށް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ކޭމްޕަހެއް ތިނަދޫގައި ގާއިމު ކުރުމަކީ މީގެ ކުރިންވެސް ކައުންސިލުން ބާރު އަޅަމުން އައި ކަމެއް ކަމަށެވެ. އަދި ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަހަކަށް ބަދަލު ކުރެވުމަކީ ތިނަދޫ އާއި ހުވަދު އަތޮޅުގެ އެހެނިހެން ރަށްރަށުގައި ތިބި އައިޔޫއެމްގެ ކޯސްތައް ހަދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭތަކެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ސައުދު ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި އިސްލާމީ ދާއިރާތަކުން ތައުލީމު ހާސިލު ކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް މީގެކުރިން ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް މި ނިންމުމާ އެކު މާލެ ނުގޮސް، އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބުމަކީ އެތައް ގުނައަކަށް ހަރަދު ކުޑަ މަގެއް ކަމުގައި ސައުދު ވިދާޅުވި އެވެ. ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ ފަދަ އާބާދީ ބޮޑު ސިޓީއެއްގައި އެފަދަ ކޯސްތަކެއް ފެށުމަކީ ގިނަ އަދަދެއްގެ ޒުވާނުން ދިގު މުއްދަތަކަށް ކުރަމުން ދިޔަ އިންތިޒާރެއްގެ ނިމުން ކަމުގަ އެވެ.
އެ ސިޓީގައި އައިޔޫއެމްގެ ކޯސްތައް ކުރިއަށް ގެންދެވެން ފެށުމާ އެކު އެ ސިޓީގައި މަތީ ތައުލީމު ހާސިލު ކުރުމުގެ އިތުރު މަގެއް ފަހިވެ، ހުނަރުވެރި އަދި ގާބިލު ޒުވާނުންތަކެއް އުފެއްދުމަށް ވަރަށް ބޮޑު ބާރަކަށް ވެގެން ދާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
މީގެ އިތުރުން ސައުދު ވިދާޅުވެފައި ވަނީ ތިނަދޫ އިސްލާމީ މަރުކަޒު ފަރުމާކޮށްފައި ވަނީ ކޯސްތައް ހިންގޭނެހެން ކްލާސްރޫމްތަކާ އެކުގައި ކަމަށެވެ. އެހެންކަމުން ބޮޑު ހަރަދު ކޮށްގެން ބިނާކުރެވިފައިވާ މިފަދަ ބޮޑު އިމާރާތެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. ސައުދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެ މަރުކަޒު އައިޔޫއެމްގެ ކެމްޕަހަކަށް ބަދަލުކުރަން ނިންމި ނިންމުމަކީ ފައިދާހުރި، އެ ސިޓީގެ ރައްޔިތުން ތަރުހީބު ދިން ކަމެއް ކަމަށެވެ.
ތާރީހަށް ބަލާލި ނަމަވެސް ތިނަދޫއަކީ އިލްމީ ގާބިލު ޒުވާނުންތަކެއް ތިބި ތަނެއްގެ ގޮތުގައި ފާހަގަކުރައްވާ ސައުދު ވިދާޅުވި ގޮތުގައި މުސްތަގުބަލުގައިވެސް އެފަދަ ހަރުދަނާ ޖީލެއް އުފެއްދުމުގެ މަސައްކަތަކީ ބޭނުންތެރި ކަމެއް ކަމުގަ އެވެ. އެގޮތުން އެފަދަ ތައުލީމީ ކަންކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެ ކައުންސިލުން އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ނިންމެވި ނިންމުމަކީ ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމެވެ. އެ ނިންމުމުގެ ސަބަބުން އިސްލާމީ އިލްމު އުނގެނެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.