މިއީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖާގެ ބައްޕަ ކަނޑައަޅަން ދައުލަތުން ހުށަހެޅި މައްސަލައެކެވެ. އެ ކުއްޖާއަކީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ. މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ.
އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގައި ފެމިލީ ކޯޓާއި ހައި ކޯޓުންވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ. އެ ހިސާބުން ދައުލަތުން ދެން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާށެވެ. އެއީ ކުރީ ސަރުކާރުން ހުށަހެޅި ހުށަހެޅުމެކެވެ.
އެކަމަކު، އާ ސަރުކާރުގެ ބަންޑާރަ ނައިބު ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދާށެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާގެ ބައްޕައަކީ ދިވެއްސެއްކަން މަދަނީ މިންގަނޑުން ސާބިތުކުރަން ހުށަހެޅީ އެހެންވެގެން ކަމަށް ބުނެ އެވެ.