ads
ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި އެއްބަސްވުން، ދެ ގައުމުގެ ވެރިންގެ ހާޒިރުގައި ބަދަލުކުރަނީ. - ފޮޓޯ: މިނިސްޓަރު ސައީދު
ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު އެވެ. އެ މަޝްވަރާތައް އޮތީ އަންކާރާގެ ރިޔާސީ ގަނޑުވަރުގަ އެވެ. 

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ. ސޮއި ކުރުން އޮތީ ރައީސް މުއިއްޒާއި، ތުރުކީގެ ރައީސް އުރުދުގާންގެ ކުރިފުޅުމަތީގައެވެ. 

"އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ"ގެ ނަމުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ދެ ސަރުކާރުން އަދި ނުދެ އެވެ.

ރައީސް ޑރ. މުއިއްޒާއި ތުރުކީގެ ރައީސް އުރުދުޣާން އިއްޔެ ވަނީ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ.

ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ތުރުކީއަށް ކުރައްވާ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒުގެ އަރިހުގައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރާއި، ޕްރިންސިޕަލް އެޑްވައިޒަރު އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރު އެޓް ލާޖް ދ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ރައީސް މުއިއްޒު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން / ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް