ads
ރައީސް މުއިއްޒު ތުރުކީގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. - ފޮޓޯ:ރައީސް އޮފީސް
ބޭރުގެ މުއާމަލާތް ލިމިޓަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް
ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޭންކުތަކުން ތައާރަފްކުރި ލިމިޓުގެ ދަށުން، ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ގިނަވެގެން 250 ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު، ކްރެޑިޓް ކާޑަކުން ކުރެވެނީ ގިނަވެގެން 750 ޑޮލަރުގެ މުއާމަލާތެވެ.

ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅުގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެފައިވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމުން އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މިހާރު މި އޮތް ލިމިޓް ޑަބަލްއަށް މަތިކޮށްދީފައި، މިހެން ދަމުން ދަމުން ގޮސް އިރާދަ ކުރެއްވިއްޔާ ލިމިޓް އުވާލަ ދޭނަން،" ރައީސް އޭރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް އޭރު ވިދާޅުވި އެވެ. 

އެ ގައުމުގައި ދިރިއުޅޭ ދިވެހިން ވަނީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ނެގޭ އަދަދު ލިމިޓު ކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަ ރައީސް އާ ހިއްސާކޮށްފަ އެވެ.

އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށް ތުރުކީއަށް ގޮސް ތިބި ފަރާތްތަކަށް ޗުއްޓީގައި އަނބުރާ ރާއްޖެއަށް އައުމަށް ހުރި ގޮންޖެހުންތައް ވެސް ރައީސްއާ ހިއްސާކޮށްފައިވެ އެވެ. އޭގެއިތުރުން ތަމްރީނުގެ އިތުރު ފުރުސަތުތަކާއި ސްކޮލަޝިޕު ފުރުސަތުތައް ދިވެހިންނަށް މިހާރަށް ވުރެ ބޮޑަށް ފަހިކޮށްދެއްވުމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ވަނީ ރައީސްގެ އަރިހުން އެދިފަ އެވެ.

އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް މުއިއްޒު ވަނީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް