ސްޓެލްކޯއިން ބުނީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުގެ ތެރޭގައި ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައި ކަމަށެވެ.
އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއް ކަމަށާއި އެ ސަރަހައްދަށް ވަޑައިގެން ފަހުމީ ވަނީ އެ ޓްރާންސްފޯމަރާ ހެދިވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ފަހުމީ ވިދާޅުވެފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެ ތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެފައިވާ ކަމުގަ އެވެ.