ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:ރައީސް އޮފީސް
ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ދޭން ޖެހޭ
އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި މެސެޖުގަ އެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ، އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމަ އާއި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފަ އެވެ.

އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ރައީސްގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި ގާޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް އެމަނިކުފާނުގެ މެސެޖުގައި އިލްތިމާސް ކުރައްވާފައިވެ އެވެ.

އަދި ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވެއެވެ. މިގޮތުން އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައި ރައީސްގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްތީނުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށްފައިވާ ކަމާއި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަން ޖެހޭ ކަމުގައިވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުންވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖޭން އަބަދުވެސް ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް