ads
ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު -- ފޮޓޯ/ ރައީސް އޮފީސް
ޓްރީ ޓޮޕުން އައިވީއެފް ހެެދި 6 މީހެއްގެ ފަރުވާ ކާމިޔާބު
މިދިޔަ މެއި މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފަރުވާ ތައާރަފްކުރި ފަހުން، މިހާތަނަށް އައިވީއެފް ފަރުވާ އެއްކޮށް ނިންމި 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ މިދިޔަ މެއި މަހު ފާޓިލިޓީ ސެންޓަރު ހުޅުވުމަށް ފަހު، އައިވީއެފް ހަދާނެ މީހުން ކަނޑައަޅައި އެ ފަރުވާތައް ފެށީ މިދިޔަ ޖުލައި މަހު ކަމަށެވެ.

"ޖުލައިން ފަށައިގެން މިހާތަނަށް މި ކުރިއަށް ގެންދިޔައީ ބެޗު އައިވީއެފް ގޮތަށް. އެއީ ޕޭޝަންޓުންކޮޅެއް ސެލެކްޓުކޮށްގެން އެ ގްރޫޕަކަށް އައިވީއެފް ހަދަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެ ޕްރޮސީޖާ ކުރިއަށް ގެންދެވޭނެކަން ޒާކިޔާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ރަޖިސްޓާ ކޮށްފައި ހުރި ޕޭޝަންޓުން ވަރަށް ފްރަސްޓްރޭޝަން އެބަހުރި އައިވީއެފް ޓްރީޓްމަންޓް ލަސްވަމުންދާތީވެ. އެކަމަކު، އިރާދަކުރެއްވިއްޔާ [ކޮންމެ ދުވަހަކު ފަރުވާ ދިނުމަކީ] އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާފައި އޮތް ގޮތަކީ." ޒާކިޔާ ވިދާޅުވި އެވެ.

ޓްރީޓޮޕްގެ ތިންވަނަ ފަންގިފިލާ އައިވީއެފްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާއިރު، އެ ފާޓިލިޓީ ސެންޓަރު ގާއިމްކުރަން މިލިއަނެއްހާ ޑޮލަރު ހަރަދުކުރަން ޖެހުނު ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު މީގެ ކުރިން ބުންޏެވެ. މި ތަން ގާއިމްކޮށްފައިވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. ފާޓިލިޓީ ސެންޓަރުން އައިވީއެފް، އައިޔޫއައި އަދި އައިސީއެސްއައިގެ ޚިދުމަތް ދޭނެއެވެ.

އެންމެ ފުރަތަމަ ހިދުމަތް ފަށިއިރު ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފާޓިލިޓީ ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް ވެސް ޓްރީ ޓޮޕުން ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގައި އަލަށް ހުޅުވި ފާޓިލިޓީ ސެންޓަރުގައި މި ވަގުތު 160 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

އައިވީއެފް ފަރުވާއަށް ހާއްސަ، ޓްރީ ޓޮޕްގައިި މަސައްކަތް ކުރައްވާ ޑރ. އަނީތާ ގޯރު ވިދާޅުވީ، މަސައްކަތް ކުރަނީ ޓްރީ ޓޮޕުން ދޭ އައިވީއެފް ހިދުމަތަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުން ދޭ އައިވީއެފް ފަރުވާގެ މުޅި ޕްރޮސީޖާ ކުރިއަށް ގެންދަނީ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށެވެ.

"ބޭރަށް ފޮނުވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް. ހުރިހާ ކަމެއް ވެސް އަޅުގަނޑުމެންގެ ލެބް ފެސިލިޓީގައި ކޮށް، ނިމިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އައިވީއެފް ފަރުވާ ހޯދަން މިހާތަނަށް މީހުން ދިޔައީ ރާއްޖެއިން ބޭރަށެވެ. އެ ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭތީ އަތުން ވެސް ބޮޑު ހަރަދެއް ހިނގަ އެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައިވަނީ 46000ރ އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާހެން އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބެން ފެށުމުން މި ފަރުވާ ހޯދާ އަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޓްރީޓޮޕް އިން ލަފާކުރެ އެވެ.

އައިވީއެފް ފަރުވާ އާސަންދައިގައި ހިމެނުމަކީ ރައީސް މުހައްމަދު ޑރ. މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް