ads
މަންޓާ އެއާކްރާފްޓެއް. އެއާލައިނުން އިންޑިއާއަށް ސީދާ ދަތުރުތައް ފަށަނީ --- ފޮޓޯ: މަންޓާ
މަންޓާ އެއާއިން ދ. އަތޮޅުން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަނީ
ދ. ކުޑަހުވަދޫ އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން މަންޓާ އެއާލައިން އިން ނިންމައިފި އެވެ.

އެ އެއާލައިންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރު ޖެނުއަރީން ފެށިގެން އިންޑިޔާގެ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ.

މިއާއެކު އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރާގެ އިތުރުން ސަން ސިޔާމް އިރު ވެލި އަދި ވިލުރީފް ރިސޯޓް ހިމެނެއެވެ.

މި ދަތުރުތައް ފެށުމުން އެ ރިސޯޓް ތަކަށް ދަތުރު ކުރާ ޓޫރިސްޓުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މަންތާއިން ބުންޏެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ، ޑޮމެސްޓިކް އަދި ސީޕްލޭން ދަތުރުތަކަށް ފަހު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ދަތުރުތައް މަންޓާއިން ފަށަން ނިންމުމުން އެ ކުންފުނިން ހޯދާ ކުރިއެރުން ހާމަވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މިހާރަށް ވުރެ ފަސޭހަކަމާ އެކު ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މި ދަތުުރުތަކާ އެކު އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ. މީގެ ބޭނުމަކީ ފަތުރުވެރިންނަށް ފަސޭހަ ތަޖުރިބާއެއް ލިއްބައިދިނުން. މި ސަރަހައްދުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް މި ދަތުރުތަކާއެކު ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މަންޓާއިން ރާއްޖޭގައި ދަތުރު ފެށީ 2019 ގަ އެވެ. އެ އެއާލައިނުން އަންނަނީ ފުޅާ ދާއިރާއެއްގައި ޑޮމެސްޓިކް އަދި ސީޕްލޭން ދަތުރުތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް