
ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި އަލައިކާ، ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ އިލެކްޝަންސް ކޮމިޝަނަށް ދިއުމާ ގުޅިގެން އޭރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި އަދާކުރަމުން ދިޔަ ސިޔާސީ މަގާމުން ވަކިކުރި އެވެ.
އަލައިކާ މަގާމުން ވަކިކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާގެ އިތުރުން އެ ދުވަހު މަގާމުން ވަކިކުރި އިތުރު ދެ ޒުވާނުން ޓެގްކޮށް ވިދާޅުވެފައި ވަނީ އެ ތިން ޒުވާނުންނަކީވެސް އެމްޑީޕީ ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން ކަމަށެވެ. އެއީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރަން އިނގޭނެ ގާބިލު މީހުން ކަމަށާއި އެ މީހުން ވަކި ކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕަބްލިކް ޕޮލިސީއިން މާސްޓާސްއަކާއި ޕަބްލިކް މެނޭޖްމަންޓުން ޑިގްރީއެއް ހާސިލުކުރުމުގެ އިތުރުން ޑިޕްލޮމާއިން ބިޒްނަސް އަދި ޑިޕްލޮމާއިން ޝަރީއާ އެންޑް ލޯ ހަދާފައިވާ އަލައިކާ ވަނީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް އަދާކުރި އެވެ.
އެކި ކޮލެޖުތަކުގައި ކިޔަވައިދިނުމާއި ޕްރޮގްރާމް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އަލައިކާއަކީ މިވަގުތު އޯޝަން ޓީވީ ނެޓް ވޯކުގައި ބައެއް ޕްރޮގްރާމުތައް ހުށަހަޅައިދޭ ޕްރެޒެންޓަރެއް އަދި ހަބަރު ކިޔަމުން އަންނަ ފަރާތެކެވެ.
އަލައިކާގެ ތަސައްވަރަކީ ބައިވެރިކުރުމާއި ބާރުވެރިކުރުމުގެ ތެރެއިން ޑިމޮކްރެޓުން ވެރިކަމަށް ގެނައުން
ދަ ޑިމޮކްރެޓްސް އުފެދުނީއްސުރެ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ އަލައިކާ އާ ގުޅޭގޮތުން ޕާޓީގެ ގިނަ މެންބަރުން ބުނަނީ ޕާޓީގެ އަސާސީ ގަވާއިދު ލިޔެ، އެކުލަވައިލުމުގައި އޭނާ ވަރަށް އިސް ދައުރެއް އަދާކުރި ކަމަށެވެ. ޕާޓީގެ އޮނިގަނޑު ބައްޓަންކޮށް، އުފެއްދުމުގައިވެސް އަލައިކާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ބުނެ އެވެ.
ސިޔާސީ މައިދާނުގައި އަލައިކާ ހާއްސަވެފައި ވަނީ ޕާޓީން ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި އަސާސްތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތްތައް ހިންގުމަށެވެ. އެ މަސައްކަތްތަކުގެ އިތުރުން ކެމްޕެއިން ޓީމުތައް ބިނާކޮށް، ބާރުވެރިކުރުމުގެ ގޮތުން ޓްރެއިނިން ސެޝަންތަކާއި ވޯޓަށް ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމްތައް އޭނާ ހިންގާފައިވެ އެވެ.
ދަ ޑިމޮކްރެޓްސްއިން ފުރަތަމަ ބައިވެރިވި ރިޔާސީ އިންތިހާބުގައި ޕާޓީގެ ނެޝެނަލް ކެމްޕެއިން ކޮމިޓީގައި އަލައިކާ މަސައްކަތްކުރި އެވެ. އެ މަސައްކަތާ އެކު، މެނިފެސްޓޯ އެކުލަވާލުމާއި ވޯޓަރުން ޓްރެއިންކުރުމާއި މީޑިއާ ކޮންޓެންޓް ހެދުމާއި ކެންޕެއިން މެސެޖިން ތައްޔާރުކުރުމާއި ވޯޓަރުންނަށް ވާސިލުވުމާއި މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތްތައްވެސް އޭނާ ކުރަމުން ދިޔަކަން ފާހަގަކުރެވެ އެވެ.
އަލައިކާ ބުނީ ފަހުގެ ތާރީހުގައި މި ރާއްޖޭގައި ހިންގަމުންދާ ހިޔާނާތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާނެ އަދި ދިވެހިންގެ މަސްލަހަތު ހިމާޔަތްކޮށް، އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓާނެ ސަރުކާރަކަށް އަދި ވެރިޔަކަށްވެސް ރައްޔިތުން ކުރާ އިތުބާރެއް މިހާރު ނޯންނަ ކަމަށެވެ. އެހެން އެކަން ވާން މެދުވެރިވާ ސަބަބަކީ ސިޔާސީ ގިނަ ފަރާތްތަކުން އަހުލާގީ ގޮތުން ދެރަ، ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގުން އިންތިހާ ދަރަޖައަށް އިތުރުވެފައިވާތީ ކަމަށް އޭނާ ބުނެ އެވެ.
އަލައިކާގެ ތަސައްވަރަކީ ބައިވެރިކުރުމާއި ބާރުވެރިކުރުމުގެ ތެރެއިން ޑިމޮކްރެޓުން ވެރިކަމަށް ގެނައުން
ގައުމު މި އޮތީ ނާޒުކު ހާލަތެއްގައިކަން ފާހަގަކޮށް އަލައިކާ ބުނީ ކޮރަޕްޝަނާއި ފަސާދަ އާއި ދެކޮޅުވެރިކަމުގެ ފުޅާ ނެޓްވޯކެއްގެ ސަބަބުން މި ގައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަލައިކާ ބުނި ގޮތުގައި ގައުމަށް ދިމާވެފައިވާ މި މައްސަލަތަކަކީ ސީރިއަސް އަދި ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް ކަމަށާއި ޑިމޮކްރެޓުން ނިކުތީ މައްސަލަތަކަށް ހައްލު ހޯދަން ކަމުގަ އެވެ. ޑިމޮކްރެޓުން ކުރަން މި ފެށި މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަން އަލައިކާ ފާހަގަކުރެ އެވެ. އަލައިކާ ބުނެފައި ވަނީ ޑިމޮކްރެޓުން އެދޭ ބަދަލު ގެނައުމަށް ހުރަސްކުރަން ޖެހޭ ބައިވަރު ބޮޑެތި މަސައްކަތްތައް އެބަހުރި ކަމަށެވެ.
ސިޔާސީ މައިދާނުގައި އަލައިކާ ފާހަގަކުރެވިފައި ވަނީ ތެދުވެރި، ނަޒާހަތްތެރި، ހިތްވަރުގަދަ ވަރަށް ކެރޭ ޒުވާން އަންހެނެއްގެ ގޮތުގަ އެވެ. މީގެ ހަތަރު އަހަރުކުރިން 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިހާބަށް އެމްޑީޕީން ކެންޑިޑޭޓުން ނެރުމަށް ބޭއްވި އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލާ ރައީސް ނަޝީދާ ވާދަކުރި އަލައިކާ، އިންތިހާބުން ބަލިވުމުންވެސް ފެނިގެން ދިއައީ ޕާޓީއަށާއި ރައީސް ނަޝީދަށް ވަފާތެރި މީހެއްގެ ގޮތުގަ އެވެ.