އެ ނިންމުން ނިންމާފައި ވަނީ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.
ރައީސް ޑރ. މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަރިންދަމް ބަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމާ ރައީސް ޑރ. މުއިއްޒު ހަވާލުވެވަޑައިގަތުމާ ގުޅިގެން ބޮޑުވަޒީރު މޯދީ ވަނީ މަރުހަބާ ވިދާޅުވެފައި ކަމަށެވެ. ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި ރާއްޖެ އާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިގުތިސޯދާއި ތަރައްގީ އާއި ތިމާވެށީގެ އިތުރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާތައް ކުރެއްވި ކަމަށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ކޯ-ގްރޫޕެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމުގަ އެވެ.
ރައީސް ޑރ. މުއިއްޒާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓެއްގައި ދިވެހި ބަހުން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒާ އެކު ބޭއްވެވީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.
މޯދީ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން ކަންކަން ކުރުމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.