ads
އޮކްޓޫބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ 90 މައްސަލަ ވަނީ ރިޕޯޓުކޮށްފައި - ފޮޓޯ:ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ
އޮކްޓޫބަރު 2023: ކުޑަކުދިންނަށް ކުރާ އަނިޔާގެ 90 މައްސަލަ
މި އަހަރުގެ އޮކްޓޫބަރު މަހުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ކަމުގަ އެވެ. އެގޮތުން އޮކްޓޫބަރު މަހު މި ބާވަތުގެ 25 މައްސަލައެއް އެ ވުޒާރާއަށް ހުށަހަޅާފައިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 19 މައްސަލަ އާއި ޖިންސީ އަނިޔާގެ 16 މައްސަލައިގެ އިތުރުން އިހުމާލުގެ 15 މައްސަލަ އެ ވުޒާރަށް ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ އާއި ނަފްސާނީ އަނިޔާގެ ހަތަރު މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ވުޒާރާއަށް ހުށަހެޅިފައިވެ އެވެ. އަދި އާއިލީ މައްސަލަތަކާ ގުޅުންހުރި 24 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 21 މައްސަލަވެސް ހިމެނެ އެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުތަކާ ގުޅިގެން ދެ މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 15 މައްސަލައެއް އޮކްޓޫބަރު މަހު ވަނީ ހުށަހަޅާފަ އެވެ.

އެވުޒާރާގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 164 އެވެ. އެ މަހު ދައުލަތަށް އަލަށް ހަތަރު ކުއްޖަކު ނަގާފައިވާއިރު، ތިން ކުއްޖަކު އާއިލާއަށް ރީއިންޓަގްރޭޓް ކުރެވި، އެއް ކުއްޖަކު ފޮސްޓާކުރެވުނު ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް