ads
ރައީސް ޑރ. މުއިއްޒު އަދި ބޮޑުވަޒީރު ގެސްޓޮން ބްރައުން: ރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާ އާ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް
އެންޓިގުއާ އެންޑް ބާބިއުޑާ އާ ގުޅުންތައް ބަދަހިކުރަން މަޝްވަރާކޮށްފި
ރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާ އާ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި އެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮޕް-28 ކޮންފަރެންސްގެ ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުން އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒާއި ބޮޑުވަޒީރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭ ދާއިރާތައް ކަމަށްވާ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ގެސްޓޮން ބްރައުން ވަނީ 2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްއަށް ދައުވަތު ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން ކަމަށެވެ.

ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 2002 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް