ފެނަކަ ކޯޕަރޭޝަނުން މިއަދު ވަކިވަކިން ކުރި އިއުލާނުތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނަކަ ބްރާންޗްތަކަށް ހޯދާ، ސްޓޭޝަނުން މެނޭޖަރުންނަށް ކޮށްފައިވާ އިއުލާނެކެވެ. މި އިއުލާނުތަކުގައި އަސާސީ މުސާރައިގެ ގޮތުގައި ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ޖަހާފައިވަނީ ދެ ފަރާތް އެއްބަސްވާ މުސާރައެއް ދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން، މުސާރައިގެ 40 އިންސައްތަ ސާވިސް އެލަވަންސްގެ ގޮތުގައި ދޭނެ ކަމަށާއި ހާޒިރީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 20 އިންސައްތަ އަދި އިތުރު ގަޑީގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ ދޭނެ ކަމަށް އިއުލާނުކޮށްފައިވެ އެވެ.
މި އިއުލާނުތަކުގައި ހޯދަން އެދިފައިވާ ސްޓޭޝަން މެނޭޖަރުންގެ ފެންވަރު ކަމުގައި އެންމެ ދަށް ވެގެން ބުނެފައިވަނީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށް ދިނުމާ އެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އިތުބާރު ހުރި ކުންފުންޏެއްގައި އެ ފެންވަރުގެ ވަޒީފާއެއްގައި އެ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން ކަމަށެވެ.
ފެނަކަ ކުންފުންޏަކީ އާންމުކޮށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ ކުންފުންޏެއްގެ ގޮތުގައި ޒަމާނުއްސުރެ އޮންނަނީ ނަން ވެފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން، ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަންވެސް ވަނީ ފަށާފަ އެވެ.