ads
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
ގެއްލުނު ކަނޑުގެ ސަރަހައްދު ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ: ގާސިމް
ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ރޭ ކުރެއްވި "އެކްސް" ގައި ވިދާޅުވީ މޮރިޝަސް އަށް ޗާގޯސް ދޫކޮށްނުލަން އިނގިރޭސި ވިލާތުން ނިންމި ކަމަށް ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި، ދިވެހިންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން ޑރ. މުއިއްޒުގެ އަރިހުގައި ނުހަނު އިހުތިރާމާ އެކު އެދޭ ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއީ ރިޔާސީ އިންތިހާބުގައި އޭނާ ވެސް ހައްލު ހޯދަން ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ގައުމީ މައްސަލައެކެވެ. އިނގިރޭސި ވިލާތުން މިހާރު ނިންމާފައި ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ފުރިހަމަ އަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ މަސައްކަތް ވަރަށް އަވަސް ކުރުމަށް ވެސް ގާސިމް ވަނީ މި ސަރުކާރަށް ގޮވައިލައްވައިފަ އެވެ.

"އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއާއި ޗާގޯސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާ ވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ އިއްޒަތްތެެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ނުހަނު އިހްތިރާމާއެކު ދަންނަވަމެވެ،" ގާސިމް ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް 2019 މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިޓްލޮސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތަށް އަންގައިފަ އެވެ.

މޮރިޝަސް އަށް ޗާގޮސް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު މޮރިޝަސްގެ ސަރުކާރާ އެކު މަޝްވަރާތައް ވެސް ފެށި އެވެ. އެހެން ނަމަވެސް އިނގިރޭސި ނޫސްތަކުގައި މި ހަފުތާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިނގިރޭސީން މަޝްވަރާގެ މޭޒު ދޫކޮށް، މޮރިޝަސްއަށް ޗާގޯސް ނުދޭން ނިންމީ މޮރިޝަސްއަށް އެ ޖަޒީރާ ދީފިނަމަ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަވާނެ ކަމުގެ ބިރަށެވެ. މޮރިޝަސް އަކީ ޗައިނާއަށް ވާގިވެރިވާ، އެ ގައުމާއެކު ގާތް ގުޅުމެއް ގެންގުޅޭ ގައުމެކެވެ.

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މި އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ. އެހެން ނަމަވެސް ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ގެއްލުނެވެ.

އޭގެ ނަތީޖާއެއްގެގޮތުން، ދިވެހިން ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރަމުން އައި ބޮޑު ސަރަހައްދެއް ދިވެހި މަސްވެރިންނަށް ގެއްލިގެންދިޔަ އެވެ.

މީގެ ކުރިން ވެސް ގާސިމް ވަނީ ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތާމެދު ނުރުހުން ފާޅުކުރައްވައިފައެވެ. އަދި އެއިރު ސަރުކާރު ކޯލިޝަނުގައި ހުންނަވައިގެން ވެސް ގާސިމް އައީ އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމުން ދެއްކި ވާހަކަތަކަަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

"ކޮންމެ ފަދަ ހަޑިއެއްޗެއް ގޮވިޔަސް އަޑުއިވި ވަޑައިގަންނަވާ ކަމަށް ވެސް ނުހައްދަވާ، ތަކަށް ކިޔަނީ މަރިޔަނބޭ ވެސް ހީނުކޮށް، އެ ހުންނަވަނީ އެ މަނިކުފާނަށް ކާންބޯން ލިބިވަޑައިނުގަންނަވައިގެންތޯ؟ އެހެންނެއް ނޫން. އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތް ދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ. އެއްވެސް ފަރާތަކަށް ގުޑިލެވޭނެ އެއްވެސް ފުރުސަތެއް ނެތީ. އަޅުގަނޑު މި ނުކުތީ އެކަމުން އެ މަނިކުފާނު ސަލާމަތްކޮށްދޭން،" ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ތިބި ޖޭޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޗާގޮސްގެ މައްސަލައިގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އިޓްލޮސްގެ ނިންމުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް ނިމުނު ސޯލިހު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ރިޔާސީ އިންތިހާބުގެ ކުރިން ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަ ނައިބުން އެކުވެގެން ވަނީ "ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދެއް ވެސް އެކުލަވާލާފަ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް)އިން ނިންމާފައިވާ ނިންމުން ވެރިކަމުގެ ފުރަތަމަ ތިން މަސް ތެރޭ އިސްތިއުނާފު ކުރަން ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން -- ހަފްތާ 14 ވައުދުތަކުގެ ތެރޭގައި އޮތީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް