ads
ލާމަރުކަޒީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ތިނަދޫ ސިޓީގެ ހައްލަކީ ގާނޫނަށް ބަދަލުގެނައުން: އެލްޖީއޭ
ނިމިދިޔަ ސަރުކާރުން ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގައި، އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާތީ އެކަމަށް އޮތް ހައްލަކީ ގާނޫނަށް ބަދަލު ގެނެސް އަވަސް އިންތިހާބެއް ބާއްވައި، މޭޔަރާއި ކައުންސިލަރުން އިންތިހާބު ކުރުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެފި އެވެ.
Advertisement

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދީފައިވަނީ އެމަނިކުފާނުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށެވެ. ރައީސްގެ ގަރާރަކުން ގދ.ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވަނީ 30 އޯގަސްޓް 2023 ހުގައެވެ. 

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، ގާނޫނީ ގޮތުން އެކިކަހަލަ ފުށުއެރުންތައް ހުރިކަން މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ތިނަދޫ ސިޓީ ކައުންސިލަކަށް ބަދަލުކުރުމުގައި ގާނޫނު މާނަކުރިއިރު ހުރި މައްސަލަތަކާއި އެ ކައުންސިލްގެ ހައިސިއްޔަތާއި އޮނިގަނޑު ސާފުކުރުމަށް މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވަނީ ހުށަހަޅާފަ އެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާއި ގުޅޭގޮތުން ހުރި ގާނޫނީ ސުވާލުތަކައި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވީ، ކައުންސިލް އިންތިހާބު ބޭއްވުމަށް ދެ އަހަރެއްހާ ދުވަސް އޮތުމުން، މިކަމުގައި ގާނޫނީގޮތުން ގެނެވޭނެ ހައްލުތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެކަމުގައި އޮހައްލަގާނޫނު ބަދަލުކޮށް ވީއެންމެ އަވަހަކަށް އިންތިހާބު ބޭއްވުންކަމަށް އެލްޖީއޭއަށް ފެންނަކަމަށް ޝަމްއޫން ވިދާޅުވި އެވެ.

އެހެންނަމަވެސް ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އުޅުއްވި ކޮމިޓީ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުގައި އެގޮތަށް ރަށު ކައުންސިލަށް އެ ބާރުތައް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވުމުގެ މަފްހޫމަކީ އިތުރު އިންތިހާބެއް ނުބާއްވައި، އެ އިރެއްގައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުން ކަމަށެވެ.

އަދި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފައި ސިޓީއަކަށް ދޭންޖެހޭ ބަޖެޓު ދީފައި ސިޓީއަކުން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ގާނޫނަކުން އެ ސިޓީގެ ކައުންސިލުގެ މައްޗަށް ލާޒިމު ކުރީމާ ދެން އިތުރަށް ސިޓީ ކައުންސިލަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ކުރަންޖެހޭ އެއްވެސް އިތުރު ކަމެއް ނޯންނާނެ ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ.

އެކަމުގައި އޮޅުން އަރާ ކަމެއް ނެތް ކަމަށާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަން ކުރަން ޖެހެނީ މަޖިލީހުން ކަމުގައި އޭނާ ވިދާޅުވި އެވެ.

your imageލާމަރުކަޒީ ކޮމިޓީގެ ބައެއް މެންބަރުން-- ފޮޓޯ: މަޖިލިސް

ކޮމިޓީގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ އާ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ އަވަސް އަރުވާލައިގެން ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ބެލުމެއް ނެތިއެވެ.

ނަމަވެސް ރައީސް ސޯލިހުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ، ވެރިކަމާ ހަވަލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމުމަށް އިހްތިރާމް ކުރައްވައި އެ ނިންމުން ދެމެހެއްޓެވުމަށް ނިންމަވާފައެވެ. މި ކަމުގައި އެލްޖީއޭގެ އިހުމާލެއް އަދި ގޮންޖެހުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މަޖިލިސް ކޮމިޓީން ނިންމާ ގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގައި ބަންޑާރަ ނައިބުގެ ލަފަޔަށް ވެސް އެދިފައިވާ ކަމަށެވެ.

"ދެއަހަރު ބައިގެ މުއްދަތެއް އޮތްއިރު ސިޓީ އަކުން ދޭންޖެހޭ ހިދުމަތެއް ދިނުމަށް ރަށު ކައުންސިލަކުން ޒިންމާ އުފުލަންޖެހުމަކީ އިންސާފެއް ކަމަށް އަޅުގަނޑު ނުދެކެން. އެހެންކަމުން އަވަސް ޙައްލެއްމިކަމަށް އެބަ ހޯދަންޖެހޭ. މިކަމުގައި މި ސަރުކާރުގެ އެއްބާރުލުން ލިބޭނެ، އަޅުގަނޑުމެންވާނީ ސިޓީގެ ދަރަޖައިގައި ހިދުމަތްދެއްވުމަށް 2024 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައިވެސް މަގުފަހިވާނެހެން މަސައްކަތްކޮށްފައި." އާދަމް ޝަރީފު ވިދާޅުވި އެވެ.

އިއްޔެގެ ކޮމިޓީ ނިންމަވާލައްވަމުން މިމައްސަލައިގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ވިދާޅުވެފަ އެވެ. 

ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، ދައުރު ނިމެންދެން އެ ސިޓީ ހިންގަމުން ގެންދަންޖެހޭނީ އިންތިހާބުވެފައި އޮންނަ ރަށު ކައުންސިލުން ކަމަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ. އެހެންކަމުން ތިނަދޫ ސިޓީއަކަށް ބަދަލުވުމުން ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާނީ މިހާރުވެސް ކައުންސިލު މެންބަރުންގެ ގޮތުގައި އިންތިހާބުވެފައި ތިބި މެންބަރުންނެވެ. އެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން ކައުންސިލް ރައީސްއަކީ މިހާރު އެ ސިޓީގެ މޭޔަރެވެ.

އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމިޓީއަށް ތިނަދޫ ސިޓީގެ މޭޔަރު ހިމެނޭހެން ކައުންސިލްގެ ބައެއް ބޭފުޅުން ވަނީ ހާޒިރުވެ، ކައުންސިލްގެ ހައިސިއްޔަތާއި މެދު އުފެދިފައިވާކަން ސުވާލުތައް ކޮމިޓީގައި އިއްވާފައެވެ.

އެގޮތުން ތިނަދޫ ސިޓީގެ މޭޔަރު (ސިޓީއަކަށް ބަދަލުވުމުގެ ކުރިން ކައުންސިލު ރައީސް) ސައުދު އަލީ ވިދާޅުވީ، މައްސަލައަކީ ކުރީގެ ރައީސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއް ކަމަށާއި އެއީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި 9 ވަނަ އިސްލާހުގައި ދިމާވި މައްސަލަ ކަމަށެވެ.

ސައުދު އިތުރަށް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވި ނަމަވެސް ބައެއް އިދާރާތަކުން އެ ކައުންސިލާ މެދު އަމަލު ކުރަމުން ދަނީ 200 މީހުން ހަމަނުވާ ރަށެއްގެ ކައުންސިލާ މެދު އަމަލު ކުރާ ގޮތަށް ކަމަށެވެ.

"ސައިކޮލޮޖިކަލީ ބަލާ ކަމުގައިވަނީ ނަމަވެސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކެއް އެބަހުރި، އެއީ އެކި އިދާރާތަކުން އަޅުގަނޑުމެންނަށް ސިޓީ އެޑުރެސް ކުރަައްވަނީ އެކި ގޮތްގޮތަށް،" ބައެއް އިދާރާތަކުން އަދިވެސް ރަށު ކައުންސިލުގެ ރައީސްއަށް އެޑްރެސްކޮށް ސިޓީ ފޮނުވާކަން ފާހަގަ ކުރައްވައި ލާމަރުކަޒީ ކޮމެޓީގައި ސައުދު ވިދާޅުވި އެވެ.
"އޮޓޮމެޓިކުން އަޅުގަނޑުމެންގެ އިދާރާ މިއޮތީ ސިޓީ ކައުންސިލަކަށް ބަދަލުވެފައި. އެހެންކަމަށްވަނީ ނަމަ އެ ސްކޭލްގައި ހިދުމަތް ދޭނަމަ އަޅުގަނޑުމެންގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ، އިދާރާގައި އިތުރު މުވައްޒަފުން ވެސް އަންނަން ޖެހޭނެ، ބަޖެޓު ވެސް ލިބެން ޖެހޭނެ، ހައިސިއްޔަތަށް ވެސް ބަދަލު އަންނަން ޖެހޭނެ."

މި މައްސަލައިގައި ލާމަރުކަޒީ ކޮމިޓީން މިއަދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް