ads
ރާއްޖޭގެ ރަށްތަކެއް - ފޮޓޯ:ސޯޝަލް މީޑިއާ
ކައިރި ހިސާބުގައި ހުންނަ ފަޅު ރަށްތައް ރަށު ކައުންސިލުތަކަށް ދޫކުރަނީ
ކައުންސިލުތައް ބާރުވެރި ކުރުވުމުގެ ގޮތުން، ރަށްރަށާއި ކައިރި ހިސާބުގައި ހުންނަ ފަޅު ރަށްތައް އެ ރަށްރަށުގެ ކައުންސިލުތަކަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާނޫނުގައިވާ ގޮތުން ރަށުގެ ރާޅު ބީހޭ ހިސާބުން ފެށިގެން 700 މީޓަރާ ހަމައަށް ކައުންސިލުތަކަށް މިހާރުވެސް އިހުތިސޯސް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެ ސަރަހައްދުގައި ހުންނަ ބައެއް ރަށްތައް މިހާރުވެސް އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އެ ރަށްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށްވެސް އެކި ގެއްލުންތައް ކުރިމަތިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށްވުރެ ދުރުގައިވެސް ކައުންސިލުތަކަށް ފައިދާ ކުރުވަނިވި ފަދަ ބޭނުންތަކެއް ކުރެވޭނެ ފަޅު ފަޅާއި ރަށްތައްވެސް އެބަހުރި ކަމުގަ އެވެ. އެގޮތުން އެއީ މަޝްރޫއުތައް ހިންގޭނަމަ ކައުންސިލުތަކަށް އޭގެން ފައިދާ ކުރާނެ ފަދަ ތަންތަން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި އުސޫލެއްގެ ދަށުން އެކަން ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން އެފަދަ ރަށްތަކާއި ފަޅުތައް، ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް، ރަށްރަށުގެ ކައުންސިލުތަކާ ހަވާލު ކުރެވޭނެ އުސޫލެއްގެ ދަށުން ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތަށް ފަޅު ނުވަތަ ރަށްތައް ދޫކުރެވޭނީ އެތަންތަން ހިމެނޭ އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށްރަށުގެ ރައްޔިތުންގެވެސް ރުހުން ލިބޭ ކަމުގައި ވާނަމަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ތަންތަން ދޫކުރާނީ އެ ތަނުން ރާއްޖޭގެ ތަރައްގީއަށް ބޭނުން ހިފޭނެ އަދި ރާއްޖޭގައި ހިނގާ މައިގަނޑު އިންޑަސްޓްރީތަކަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނޭ ގޮތަކަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ވަޒީފާތައް އުފެދި ރަށްރަށް އެކަމުން އިގުތިސޯދީ ނަފާ ލިބޭނެ ކަމަށެވެ. އަދި މިއީ އާމްދަނީ އިތުރުކުރެވި ރައްޔިތުން ބާރުވެރި ކުރެވި، ކައުންސިލުތައް އިތުރަށް ކުރި އަރައިގެން ދާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް