ނައިބު ރައީސްގެ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީސް ބުނީ ދިވެހި ދަރިވަރުންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވާންމަންޓް ސްކޮލާޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި ދަރިވަރުންގެ ތަޖުރިބާ އާ ގުޅޭގޮތުން ނައިބު ރައީސް މައުލޫމާތު އޮޅުންފިލުއްވި ކަަމަށެވެ. އަދި ރާއްޖޭން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުން ފައިސާ ނެގޭ އަދަދުގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަން ނައިބު ރައީސް ބަޔާންކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުން ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ނައިބު ރައީސް އާ ހިއްސާކުރައްވާފައި ކަމަށެވެ.
ނައިބު ރައީސް ވަނީ ރާއްޖޭން ބޭރުގައި ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި އަވަސް ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހިނގާ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުން އަށްވަނަ ދުވަހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.