އެމްޑީޕީގެ މެމްބަރުން އެގޮތަށް ގޮވާލެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މަރުހަލާގެ ތެރޭގަ އެވެ. މަޖިލިހުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީން ޕީޖީގެ މެންބަރުންނާ އެކު ރައީސް ސޯލިހު މިއަދު ބޭއްވި "ކުއްލި" ބައްދަލުކުރެއްވުމުގެ ތަފުސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.
ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރުކުވާލުމަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާވެސް މި ފަހުން ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހު، އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާފައިވާއިރު، އެ މަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭން ވެސް ގޮވާލައިފަ އެވެ.
މަޖިލީހުގައި އެމްޑީޕީގެ 56 ގެ މެމްބަރުން ތިއްބަވަ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ކަމަށް ވާތީ ވަޒީރަކަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު އެޕާޓީއަށް އެބަ އޮތެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް މައިގަނޑު ގޮތެއްގައި ވިއްކާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު ވާހަކަ އާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭ މިންވަރަށް އެތައް ހާސް އިންޑިއާ ސިފައިން ތިބި ވާހަކަ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ އެ ވާހަކަތަކަކީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ގަބޫލުކޮށް އަޅުވެތިކަމަށް ދާން ބޭނުން ނުވާތީ މަދު ރައްޔިތަކު ރައީސް މުއިއްޒުއަށް ވޯޓު ދިން ކަމަށާއި އަދި ވެރިކަން ދިން ކަމަށެވެ.
މީގެއިތުރުން މެންބަރު ރާޝިދު ވަނީ އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބިކަމަށް ބުނި ވާހަކަ ސާބިތުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އަދި އެކަން ސާބިތު ނުކުރެވިއްޖެ ނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވެސް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތްތޯ ނެތްތޯ ބަލަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން އެގޮތަށް ވާހަކަ ދެއްކެވުމުން، މަޖިލީހުގައި ސަރުކާރަށް ނިސްބަތްވެވަޑައިގެންނެވި މަދު މެންބަރުން ދިފާއުގައި ވާހަކަދެއްކެވި އެވެ. އޭގެ ތެރެެއިން އެކަކީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެެވެ.
މޫސާ ސިރާޖު ވިދާޅުވީ ރާއްޖޭގައި ތިބޭ ބޭރު ސިފައިންގެ އަދަދާ ގުޅޭގޮތުން ތަފާތުތަކެއް އަންނަނީ ކުރިން ސަރުކާރުން އެކަންކަން ހާމަނުކޮށް އޮތުމުން ކަމަށާއި އަދި މުސްތަގުބަލުގައި މި ސަރުކާރުން އެ މައުލޫމާތުތައްވެސް ހާމަކުރާނެ ކަމަށެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި، މިއަދުގެ ކުއްލި މައްސަލަ އެމްޑީޕީން ހުށަހެޅީ އިއްޔެ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް "ހަޖަމް ނުވެގެން"ނެވެ.
އަމިއްލަ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް އައިތާ އަދި 21 ދުވަސް ނުވާއިރު، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތުމުން ތިމާމެން ބޭނުން ކަމެއް ކޮށްފާނެ ކަމަށް ހީކޮށް، ސަރުކާރުގެ "އޮފް" ކަނޑުވާލަން މަސައްކަތް ކުރަމުން އަންނަކަމަށް މޮސްޓާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން ޕާޓީ ދެ ފަޅިވީއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ކޮންޓްރޯލް އޮތީ އެ ޕާޓީއާ ދެކޮޅުވީ އެމްޑީޕީގެ ކުރީގެ މެމްބަރުން (ފަހުން ދަ ޑިމޮކްރެޓްސް) އަތުގަ އެވެ.
ނަމަވެސް މިހާރު މަޖިލީހުގެ އިދާރީ ކޮންޓްރޯލް އަދި ރިޔާސަތުގެ ކޮންޓްރޯލް ވެސް އޮތީ އިދިކޮޅު އެމްޑީޕީ އަތުގައި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މިވަގުތު ހިމެނެނީ މަޖިލީހުގެ 56 މެންބަރުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި މަޖިލީހުގެ ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް ހިމެނެ އެވެ.