ads
ކުޑަގިރި
ކުޑަގިރި ފަރަށް އެރި ބޯޓު ހިފެހެއްޓީ ރަނގަޅަށް
ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރި މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ބޯޓު ރާއްޖެއިން ފުރުން މަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު، ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރި އެމްއެސްވީ މާރިޔާ ސިންތަޔަތިރައި ބޯޓުގެ މައްސަލައެވެ. ކުޑަގިރި ފަރުގެ ވެލިގަނޑަށް މިދިޔަ ޖެނުއަރީ މަހު އެރި މައްސަލާގައި އެމްއެސްވީ މާރިޔާ ސިންތަޔަތިރައި ބޯޓުގެ ފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ނިންމައިފަ އެވެ. ބޯޓު ރާއްޖެއިން ފުރުން އޮތީ މަނާކޮށްފަ އެވެ.

އެކަމާ ގުޅިގެން އެ ކުންފުނީގެ އޭޖެންޓްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އީޕީއޭއިން އެ ބޯޓު ފުރުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ދިނުމަށެވެ. އެކަމަކު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ރާއްޖެއަށް އަންނަ ބޭރުގެ ބޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަނީސް، ރާއްޖެއިން ފުރުމުގެ ހުއްދަ އާންމު އުސޫލުން ނުދޭ ކަމަށާއި އަދި އެ މައްސަލާގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކާފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ ބޯޓު ޖޫރިމަނާ ކޮށްފައިވަނީ އީޕީއޭއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށާއި އަދި އެ ބޯޓު ފުރުމުގެ ހުއްދަ ނުލިބި އޮތީ ޖޫރިމަނާ ނުދައްކާތީ ކަމަށެވެ. އެހެންވެ، އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް