ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން މިނިސްޓްރީން ނިންމެވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލެއް މިނިސްޓަރު އަދި ހާމައެއް ނުކުރައްވަ އެވެ.
ގައުމީ އިސްލާމީ ހިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަން ވާނެ ކަމަށް މީގެ ކުރިން ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި ދިވެހި ބަހުން ކިޔާ ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ.