ads
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
22 ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށް ކޮމިޓީން ނިންމައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 22 ވަޒީރުން އެ މަގާމަށް ޝަރުތު ހަމަވާތީ ކޮންމެ ވަޒީރަކަށް ރުހުން ދިނުމަށް ވަކި ވަކިން ތަޅުމުގައި ވޯޓަށް އަހަން ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.
Advertisement

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން، ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެފައި ވަނީ ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބެލުމަށް އެދިފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންވެސް ވަޒީރުކަމުގެ ހުވާކުރެއްވުމުގެ ކުރިން ބޭރުގެ ގައުމުގައި އޮތް ރައްޔިތުކަން ދޫކޮށްލައްވާފައިވާ ކަމަށް މައުލޫމާތު ލިބުނު ކަމަށް ފަލާހް ވިދާޅުވި އެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެފައިވާ ގޮތުގައި ކަމާ ގުޅުންހުރި އިދާރާތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ވަޒީރު ކަމަށް އައްޔަނުކުރެއްވި ހުރިހާ ބޭފުޅުންވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ކަމަށެވެ.

ޝިފާއު ހުށަހެޅުއްވީ ވަޒީރު ކަމަށް އައްޔަންކުރެއްވި 22 ބޭފުޅުންގެވެސް ޝަރުތު ހަމަވާ ކަމަށް ކޮމިޓީން ކަނޑައަޅައި، މަޖިލިހުގެ ތަޅުމަށް ނަންތައް ފޮނުވުމާ އެކު ތަޅުމުން ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އަހައިގެން އެ ފަރާތްތަކަށް ރުހުން ދިނުން ކުރިއަށް ގެންދިއުމަށެވެ. އޭނާގެ އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމިދިޔަ މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، މި މަހުގެ 18 ވަނަ ދުވަހަށް މި ދައުރު ވަނީ އިތުރުކޮށްފަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ ބައެއް ބޭފުޅުންނާ ގުޅޭގޮތުން މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ރުހުން ނުދޭން ގޮވާލައްވާފައި ވީނަމަވެސް، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ރަސްމީކޮށް އެކަމުގައި އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް