ކޮންމެ ކުއްޖަކަށް އާއިލާއެއްގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާއެއްގެ ތެރޭގައި ބޮޑުކުރުމަށްޓަކައި އާއިލާއަކާއި ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބަލަހައްޓަން ދިނުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއް ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ ވިދާޅުވީ އާއިލީ ވެއްޓެއްގެ ތެރެއިން ރައްކާތެރިކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަން އެކުދިންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުދިން ޅަ އުމުރުގައި ވަރަށް ގިނަ ކަންކަން ދަސްކުރާނީ އާއިލާއެއްގެ ތެރެއިން ކަމަށާއި އެކަން ކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާތަކާ ހަވާލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނަމްޒާ ފާހަގަ ކުރެއްވި އެވެ.
ނަމްޒާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް ގާތްގަނޑަކަށް 164 ކުދިން އެބަތިބި ކަމުގަ އެވެ. އަދި ގިނަ އާއިލާތަކުން ބޭނުން ވަނީ އޭގެތެރެއިން އެންމެ ތުއްތުކުދިން ކަމަށް ނަމްޒާ ވިދާޅުވި އެވެ. ނަމަވެސް ބޮޑުވެގެން އަންނަ ކުދިންނަކީވެސް އާއިލީ ވެއްޓަކަށް ބޭނުންވާ ކުދިން ކަމަށާއި ލޯތްބާއި އަޅާލުމާއި ރައްކާތެރިކަމަކީ އެފަދަ ހުރިހާ ކުދިންނަށްވެސް ޒަރޫރީ ބޭނުމެއް ކަމަށް ނަމްޒާ ވިދާޅުވި އެވެ.
ނަމްޒާ އިތުރަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދާއިމީ ގޮތެއްގައި އާއިލާތަކާ ހަވާލުކުރުމަކީ މީގެ ކުރިންވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ވަގުތީގޮތުން އެކަން ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ މަގުސަދަކީ އެފަދަ ކުދިންނަށް މިހާރުން މިހާރަށްވެސް އާއިލާތަކެއް ހޯދައިދިނުން ކަމުގައި ނަމްޒާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލަރު އައިޝަތު އިފާދާ ވިދާޅުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އެ ކުއްޖާގެ މައްސަލަތައް ހައްލުކުރުމަށްފަހު އަލުން އަނބުރާ އާއިލާގެ ހަވާލުގެ ދަށަށް ފޮނުވުމަށް ކަމަށެވެ. ނަމަވެސް ކުއްޖާގެ އުފަން އާއިލާއަށް އަނބުރާ ހަވާލުނުކުރެވޭ ހާލަތްތަކުގައި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ދިގު މުއްދަތަކަށް ބަހައްޓަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިފާދާ އިތުރަށް ވިދާޅުވީ ވަގުތީގޮތުން ކުއްޖާ އާއިލާއަކާ ހަވާލު ކުރުމަށްފަހު މިނިސްޓްރީން ކުއްޖާގެ އުފަން އާއިލާއަށް އަނބުރާ ކުއްޖާ ދެވޭނެ މަގެއް ފަހިވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ހާލަތުގައި ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ދަށުން ކުއްޖާ އާއިލާއަކާ ހަވާލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް، ކުއްޖާގެ ހުރިހާ ކަމެއް އެ މިނިސްޓްރީން މޮނިޓާ ކުރަމުން ގެންދާ ގޮތަށެވެ. އަދި ކުއްޖާގެ އުފަން އާއިލާ އާ ބައްދަލުކުރުމުގެ ފުރުސަތު ދެވުުނު ނަމަވެސް އެ ފުރުސަތުގެ ބޭރުން ބައްދަލުކުރާނަމަ ފިޔަވަޅު އެޅޭނެ އެވެ. މީގެއިތުރުން އުފަން އާއިލާއިން އަނބުރާ އެ ކުއްޖާ ބޭނުންވާ ނަމަ ޝަރުއީ ކޯޓަށް މައްސަަލަ ހުށަހަޅައިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ.
ކޮންމެ ކުއްޖަކަށް އާއިލާއެއްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތަކެއް ވަރަށް އަވަހަށް މާލެ، ވިލިމާލެ އާއި ހުޅުމާލޭގައި އެ މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.