ads
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް—
އިންސާނީ ހައްގުތަކުގެ ދާއިރާއިން ރާއްޖޭގެ ވައުދުތައް ނައިބު ރައީސް އިއްވަވައިފި
"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޕްލެޖިންގ ޓްރީ ސެޝަން"ގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން ރާއްޖެއިން ވައުދުވާ ކަންކަން ހިމެނޭ ބަޔާން ނައިބު ހުސައިން މުހައްމަދު ލަތީފު އިއްވައިފި އެވެ.

ސްވިޒަރލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި މި ހަރަކާތުގައި ރާއްޖެއިން ވަނީ 5 ކަމަކަށް ވައުދުވެފައެވެ. 

 ނައިބުރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

 ނައިބުރައީސް ވަނީ، އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާ ގޮތާމެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަގްވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ވައުދު ވެވަޑައިގެންފައެވެ.

މީގެ އިތުރުން، މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދިވެހިރާއްޖެއިން ވައުދުވާކަން ނައިބު ރައީސް ބަޔާންކުރެއްވިއެވެ. 

އަދި އެއްވެސް ކުއްޖެއް ބާކީނުކޮށް ހަމަހަމަ ގޮތެއްގައި ތައުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ގައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖެއިން ވައުދުވާކަމުގައި ވިދާޅުވެފައިވެއެވެ.

އެންމެފަހު ވައުދެއްގެ ގޮތުން ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ހައްގުތަކާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަގްބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ފާހަގަކުރައްވާފައެވެ.

މެންބަރު ގައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރުއެޅުމުގެ ގޮތުން އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެންބަރު ގައުމުން ވަނީ އެގައުމުތަކުން ވައުދުވާ ކަންކަން ހުށަހަޅާފައެވެ.

 ނައިބު ރައީސް ސްވިޒަލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް