ads
‏ނައިބު ރައީސް، ޑަބްލިއުއެޗްއޯ‏ގެ ޑިރެކްޓަ ޖެނެރަލް އާ ބައްދަލު ކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށް ޑަބްލިއުއެޗްއޯއަށް ޝުކުރު އަދާކުރައްވައިފި
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަބަދުވެސް ދިވެހިރާއްޖެއަށް ވަމުންދާ އެހީތެރިކަމަށް އެ ޖަމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު އަދާކުރައްވާފައި ވަނީ އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭން ސިއްހީ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މި ދާއިރާގައި ކުރިއަަށް އޮތް ތަނުގައި ދިމާވެދާނެ ދަތިތަކާއި އުނދަގޫތައް ހުރަސްކޮށް، ކުރިއަށް އޮތް ފަސް އަހަރުގައި ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތާ ބެހޭގޮތުން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޑަބްލިއުއެޗްއޯއިން މެދުކެނޑުމެއް ނެތި ރާއްޖެއަށް އެކި ގޮތްގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސިއްހީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް މިވަގުތު ހުންނެވީ ސްވިޒަލެންޑްގެ ޖެނީވާގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް